މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނާ ދިމާކޮށް ދަޅަ ދެއްކުމުގެ ގޮތުން ވިލިމާލެއަށް ސަރުކާރުން ކަންތައް ކޮށްދެމުންދާ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާޒިމް މިއަދު އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ މާލެއާ އެއްގޮތަށް ވިލިމާލޭގެ މުނިސިޕަލް ކަންކަމަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިލިމާލެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ފެށުމުން، ސަރުކާރުގެ ސަމާލުކަމަށް ވިލިމާލެ މިހާރު އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
"ވިލިމާލޭގެ މިހާރު އަޅުގަނޑަށް ފާހަގަކުރެވުނު ކަންތައްތަކުގެ ވާހަކަ މީޑިއާއަށް ދައްކަމުން ދިއުމާ ވިދިގެން ސަރުކާރުން ހަމަ ދަޅަ ދެއްކުމުގެ ގޮތުން ކަންކަން ކުރާކަން ފާހަގަކުރެވޭ،" އާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހަދަން ނިންމި ނިންމުން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ޓާޝަރީ ހޮސްޕިޓަލަކީ ހަމައެކަނި އިމާރާތެއް ނޫން ކަމަށާއި އެއީ އެތަނަށް ބޭނުންވާ ޑޮކްޓަރުން ހަމަކޮށް، ރައްޔިތުންނަށް ރަނގަޅު ސިއްހީ ފަރުވާއެއް ދިނުން ކަމަށެވެ.
ނަމަވެސް ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަށްވެސް ޑޮކްޓަރުން، ނަރަހުން ގެނެވެން ހުންނާނެ ކަމަށާއި ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީގެ ހިދުމަތްވެސް ސަރުކާރުން ބޭނުންވާ ނަމަ، ފޯރުކޮށްދެވެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
އާޒިމް ވަނީ ވިލިމާލޭގެ ފެނާއި ނަރުދަމާގެ ހާލަތުވެސް ގޯސްވެފައިވާކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ސަރުކާރުން ވަނީ އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން، އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު