މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް ހެދުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުން އިފުތިތާހު ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޑިކަލް ޗެކަޕްގެ ހަދަންދާ މީހުންގެ ކިޔު ދިގުވިޔަ ނުދިނުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން ހަލީމް ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި އެ ހިދުމަތް ދިނުމަށް ވަކި ތަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކި އުމުރުފުރާތަކަށް ހިދުމަތް ދޭން ފަށާއިރު ހިދުމަތް އިތުރަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"މުސްތަގުބަލުގައި އަޅުގަނޑުމެން އެ ހިދުމަތް އެހެން ކެޓަގަރީތަކަށް ފަށާއިރު އަޅުގަނޑުމެން ވަކި މެޑިކަލް ޗެކަޕް ކްލިނިކެއް ހެދުމަށް ޕްލޭން ކޮށްގެން ކުރިއަށް މިދަނީ،" ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކްލިނިކް ގާއިމުކުރުމުން މެޑިކަލް ޗެކަޕް ހަދަންދާ މީހުން ދާން ޖެހޭނީ ވަކި ތަނަކަށް ކަމަށާއި އޭރުން އެ މީހުންނަށް ވަކިން ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރައްވާނެ ކަންތައްތަކާ ގުޅޭ ގޮތުން އެ ނޫސްވެރިންގެ ބައްްދަލުވުމުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއޯއޯ ހީނާ ވަލީދު ވިދާޅުވީ އެ ހިދުމަތް ހޯދަން އެޕޮއިންޓްމެންޓް ހަދާ މީހުންނާއި ހިދުމަތް ދެވުނު މީހުންގެ ތަފާސް ހިސާބުތައް ކޮންމެ ހަފުތާއަކުވެސް ބައްލަވާނެ ކަމަށާއި އެ ތަފާސް ހިސާބުތަކަށް ބަލައި ހިދުމަތް ފުޅާކުރަންޖެހޭ ދާއިރާތަކުން ފުޅާކުރައްވާނެ ކަމަށެވެ.

އާސަންދައިގެ ދަށުން މިއަދު މެޑިކަލް ޗެކަޕް ހެދުމަށް ޕެކޭޖުތަކެއް ހަދާފައިވާއިރު، އެ ޗެކަޕް ހެދޭނީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން އެކަންޏެވެ.

އެގޮތުން މިއަދުން ފެށިގެން އެ ހިދުމަތް ލިބޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އުމުރުން 35 އަހަރާއި 49 އަރަހާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް އެ ހިދުމަތް އަންނަ އޭޕްރީލް މަހު ފަށާއިރު، 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިދުމަތް ފަށާނީ ޖުލައި މަހުއެވެ.