ވިލިމާލެއަކީ ވަރަށް ބޮޑަށް އިހުމާލުވެ، އަޅާނުލައި ދޫކޮށްލެވިފައި އޮތް ތަނެއް ކަމަށާއި އެތަން ތަރައްގީކޮށްދެއްވާނެ ކަމަށް މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ވިލިމާލެ ރައްޔިތުން އަދި ޒިޔާރަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތް ތަރައްގީކޮށް މީހުން ޝައުގުވެރިވާ ހިތްފަސޭހަ ތަނަކަށް ވިލިމާލެ ހެދުމަކީ ތަސައްވުރެއް ކަމަށާއި އެކަން ހާސިލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ގްރޭޓާ މާލެ ސަރަހައްދުގައި ރަނގަޅު ކުރަންހުރި މުނިސިޕަލް ހިދުމަތްތައް ރަނގަޅުވީ ކަމަށް އަޅުގަނޑު ގަބޫލުކުރާނީ، ވިލިމާލެ ބާކީނުކޮށް އެތަނުގައިވެސް އެކަށީގެންވާ ރަނގަޅު ވަސީލަތްތައް ތަރައްގީކުރެވި ހިދުމަތް ފޯރުކޮށްދީގެން،" އޭނާ ވިދާޅުވިއެވެ.

މިއަދު ވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވިލިމާލޭގެ ރައްޔިތުންނަށް ދަތިވާހެން، ސިއްހީގޮތުންވެސް ގެއްލުންވާނެ ފަދަ ގޮތަކަށް ފައިބަރުގެ މަސައްކަތްކުރަމުން ދިއުންކަން ފާހަގަކުރައްވައި، އާޒިމް ވަނީ މީހުން ދިރިއުޅޭ ތަންތަނާ ކައިރީގައި ކުރެވޭ ހެޒާޑަސް ވޭސްޓް ނުވަތަ ކެމިކަލްތަކާ ގުޅޭ މަސައްކަތްތައް ދެނެގަނެ، ދުރު ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އާޒިމް ވިދާޅުވީ ވިލިމާލޭގެ ބަނދަރު ރީ އޯގަނައިޒްކޮށް ހަރުދަނާ ފައްތިޔާގެ ނިޒާމެއް ވިލިމާލެއަށް ބޭނުންވާ ކަމަށާއި ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރެއިން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

"ގްރޭޓާ މާލެ ސަރަހައްދުގެ ގިނަ ރައްޔިތުންތަކެއް ބަންދު ދުވަސްތަކުގައި ދަތުރު ދިއުން ފަދަ ކަންތައްތަކަށް ވިލިމާލެ ބީޗް ސަރަހައްދު ބޭނުންކުރާ އިރު، އެ ސަރަހައްދުގައި އެކަށީގެންވާ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރެވިފައި ނުވުމަކީވެސް ވިލިމާލެ ރައްޔިތުންގެ ކަންބޮޑުވުމެއް. ގިނަ ދުވަސްތަކެއްވެ ވީރާނާވެފައިވާ ކުރީގެ ގެސްޓްހައުސް ރޫމްތަކާއި އަދިވެސް އަޅައިނުލެވި ދޫކޮށްލެވިފައި އޮތް އެ ސަރަހައްދު ރީ ޑިވެލޮޕްކޮށް އާންމުންނަށާއި ވިލިމާލޭގެ ރައްޔިތުންނަށްވެސް ހިތްފަސޭހަ، ހިދުމަތް ލިބޭ ތަނެއްގެ ގޮތުގައި ބަދަލުކުރާނަން،" އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގައި މުޖުތަމައުގެ ހެވާއި ލާބައަށް ގިނަ ހިދުމަތްތަކެއް އާންމު ފަރުދުން، އެންޖީއޯ އަދި މުއައްސަސާތަކުން ދަނީ ފޯރުކޮށްދެމުންނެވެ. ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް ހާއްސަކޮށްގެން ބައްދަލުވުންތައް ބޭއްވޭނެ ހޯލް އަދި ޕްރޮގްރާމް ހިންގޭނެ މަގު ތަނަވަސްކޮށްދިނުމަކީ އާޒިމްގެ ވައުދެކެވެ. އާޒިމް ބޭނުންވަނީ ހުރިހާ ފަރާތްތަކާ ގުޅިގެން އެންމެން އެކީ މަސައްކަތްކޮށް، ލޯތްބާއި އޯގާތެރިކަމާއެކު އުޅޭ މުޖުތަމައެއް ބިނާކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ވިލިމާލޭގެ ފުނަވާ ސަރަހައްދު ފަދަ އަޅައިނުލެވި ހުރި ބިންތައް ތަރައްގީކޮށް އެ ތަންތަނަކީ ފެހި، އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ ތަންތަނަށް ބަދަލުކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަކީ ވެސް މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، އާޒިމްގެ ވައުދެކެވެ.

އެފަދަ ތަންތަނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ބޭނުންކުރެވޭނެ އެންމެން ޝާމިލުވާނެ ފަދަ ތަންތަނަށް ހަދާނެކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވައިފައެވެ. އަދި އާޓިސްޓުންނަށް ފުރުސަތު ހުޅުވާލައިގެން ވިލިމާލެ ޒީނަތްތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަކީވެސް އާޒިމްގެ ވިސްނުމެކެވެ. އޭގެ އިތުރުން ވިލިމާލެގެ ރައްޔިތުން އެދިއެދި ތިބި ލައިބްރަރީގެ ހިދުމަތްވެސް އާޒިމްގެ މޭޔަރުކަމުގައި ލިބިގެން ދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވައިފައެވެ.

ގްރޭޓާ މާލެ ތަރައްގީކުރުމަށް އާޒިމް ގެންގުޅުއްވާ ވިސްނުމުގެ ތެރެއިން ވިލިމާލޭގެ ބޮޑެތި މަގުތައްވެސް މަރާމާތުކުރަން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބޭނެހެން މާހައުލެއް ވިލިމާލޭގައި ގާއިމުކުރުމަށްޓަކައި މާރުކޭޓް އިތުރަށް ތަރައްގީކޮށް ބަންދު ދުވަސްތަކުގައި ކުދި ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ފުޑް ޓްރަކް ވިޔަފާރިވެސް ވިލިމާލޭގައި ފެށުމަށް މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ.

މާލެ ސިޓީ މޭޔަރުކަމަށް ކުރިން އިންތިހާބުވި ބޭފުޅުން ވިލިމާލޭގެ ތަރައްގީގައި އިހުމާލުވެފައިވެފައިވާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ އޭނާގެ ފެހި ތަނަވަސް މާލެ ތަސައްވުރު ހަގީގަތަކަށް ވެގެންދާ އިރު، ރައްޔިތުންނަށް އިހްސާސްކުރެވި، ފަސޭހަ ހިދުމަތް ލިބޭގޮތަށް ވިލިމާލޭ ތަރައްގީކުރައްވާނެ ކަމަށެވެ.