ބޭރު ގައުމެއްގެ ސަފީރަކާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްކެވި ވާހަކަފުޅު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޮގުކޮށްފިއެވެ.
ޕީއެންސީން ދަރުބާރުގޭގައި މިރޭ ބެއްވި "ފެށުން" ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ޖަލްސާއަށް ވަޑައިގެންނެވި ވަގުތު ސޯޝަލް މީޑިއާގައި ފޮޓޯއެއް ދައުރުވަމުންދާ ކަމަށެވެ. އެ ފޮޓޯއަކީ އަސްލަމް އަދި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ އިތުރު ދެ މެންބަރަކު ސަފީރަކާ ބައްދަލުކުރެއްވުމަށްފަހު، އަމީން އެވެނިއުން ނުކުމެވަޑައިގަންނަވާ ފޮޓޯއެއް ކަމަށްވެސް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުހައްމަދު އަސްލަމް މިއަދު އެއްވެސް ގައުމެއްގެ ސަފީރަކާއެކު އެއްވެސް ބައްދަލުވުމެއް ބާއްވަވާފައެއް ނުވެއެވެ. ރަސްމީ ބައްދަލުވުމެއް ވެސް އަދި ނުރަސްމީ ބައްދަލުވުމެއް ވެސް، އެއްވެސް ސަފީރަކާއެކު ބާއްވަވާފައިނުވާނެ ވާހަކަ ދަންނަވަން" ރައީސްގެ ވާހަކަފުޅު ދޮގުކޮށް މަޖިލީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި އަސްލަމް ބައްދަލުކުރެއްވީ ކޮން ގައުމެއްގެ ސަފީރަކާއެކު ކަމެއް ވިދާޅެއް ނުވެއެވެ. ރައީސް ވިދާޅުވީ ސަފީރާއެކު އެ ބައްދަލުވުން ބާއްވާފައިވަނީ އަމީން އެވެނިއުގައި މެންދުރުން ފަށައިގެން އިރުއޮއްސެންދެން ކަމަށެވެ. އެ ބައްދަލުވުމަކީ ގައުމީ ވިސްނުމުގައި ބޭއްވި ބައްދަލުވުމެއް ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު