ރާއްޖޭގައި ކާބޯތަކެތި ރައްކާތެރިކުރުމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް ސަރުކާރުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން، ދަރުބާރުގޭގައި ރޭ ބޭއްވި "ފެށުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށްވުރެ ބޮޑަށް އިސްކަންދީގެން އެގްރިކަލްޗާ ދާއިރާ ކުރިއަރުވުން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ރާއްޖޭގައި އުފައްދާ އަދި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖެއަށް ބޭނުންވާ މިންވަރަށް އުފައްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެކަމުގެ ބޮޑު މަޝްރޫއެއް އަޅުގަނޑުމެން މާލަސްތަކެއް ނުވެ ފަށާނަން. އެކަމަށްޓަކައި ވެސް ވަރަށް ގިނަ މަސައްކަތްތައް އެބަ ހިނގާ،" ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތިމާވެށީގެ ހާލަތު މިހާރު އޮތްގޮތުން ރާއްޖެއަށް އެންމެ މުހިންމީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތަކަށް ކަންކަން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އޮތީ ރައްޔިތުން ބޭނުންވާ އުމްރާނީ އަދި އިގުތިސޯދީ ތަރައްގީ ހޯދައިދިނުމަށް ތައްޔާރަށް ކަމަށެވެ.

ރާއްޖޭގެ ދަރަނީ މިހާރު ހުރީ 20 ބިލިއަން ރުފިޔާއަށްވުރެ މަތީގައި ކަމަށާއި އެ ދަރަނިތައް ދެއްކުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތައް ކާމިޔާބުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި އަދާކުރުމަށާއި އިގުތިސޯދީ ގޮތުން ރާއްޖޭގެ ކުރިއެރުވުމަށް ހުރިހާ މީހުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.