ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ވިއްކާފައިވާ ޓްރެޝަރީ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ފުރަތަމަ ފަހަރަށް ލިސްޓުކޮށްފިއެވެ.
އަލަށް ލިސްޓު ކުރި ސެކިއުރިޓީއަކީ މި މަހުގެ 25 ވަނަ ދުވަހު ޕެންޝަން އޮފީހަށް ވިއްކާފައިވާ 50 މިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑެކެވެ. އެ ބޮންޑް ދޫކޮށްފައި ވަނީ އަހަރަކު 5.5 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ފަސް އަހަރުން އަގު ދައްކަންޖެހޭ ގޮތަށެވެ.
މިއީ ސަރުކާރުގެ މާލީ ސެކިއުރިޓީއެއް ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރަށް ތައާރަފުކޮށް ސެކަންޑަރީ މާކެޓުގައި ގަނެވިއްކަން ހުޅުވާލި ފުރަތަމަ ފަހަރެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ސަރުކާރުގެ ސެކިއުރިޓީޒް ސެކަންޑަރީ މާކެޓުން ގަނެ ވިއްކުމުގެ މަގު ފަހިވެގެންދާނެއެވެ.
ސަރުކާރުގެ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރުން ފާހަގަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ބައިވެރިވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، މިއީ ތާރީހީ ދުވަހެއް ކަމަށާއި ސަރުކާރުގެ ސެކިއުރިޓީއެއްގައި އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވިގެން ދިއުމުން ގިނަ ބަޔަކަށް އޭގެ ނަފާ ލިބިގެންދާނެ ކަމަށެވެ.
"ސޭވް ކުރެވިފައި ހުރި ފައިސާއިން އިންވެސްޓެއްކޮށް އޭގެން ނަފާއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ލިބިގެންދާނެ ރަނުގެ ފުރުސަތެއް، ގަބޫލުކުރަނީ މި މަސައްކަތް ބާރަށް ކުރިއަށް ގޮސް، ސްޓޮކް އެކްސްޗޭންޖު އެކްޓިވްވެ، ކެޕިޓަލް މާކެޓު ޑިވެލޮޕްވެގެން އަންނައިރު، އޭގެ ނަފާ ގިނަ ބަޔަކަށް ލިބިގެން ދިއުން،" ޝަފީގު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު