މަސްވެރިކަމުގެ ފަންނު އުނގުންނައިދިނުމަށް ގާއިމުކުރާ މަސްވެރިކަމަށް ހާއްސަ ކޮލެޖު އުފެއްދުމުގެ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޝެހެނާޒް އާދަމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި ސިނާއަތުގައި މިހާރު ވެސް އެބަހުރި ބައިވަރު ވަޒީފާތައް ކަމަށާއި އެހެންނަމަވެސް އެ ވަޒީފާތަކަށް ނިޒާމުގެ ތެރެއިން ތައްޔާރުކުރެވިފައި ތިބި ދިވެހިން މަދުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ ފެކްޓަރީތަކުގައި ވެސް ދިވެހިންނަށް އަދާކުރެވޭނެ ޓެކްނިކަލް ވަޒީފާތަކުގައި ބިދޭސީން ފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
"ތައުލީމާއި ތަމްރީންތައް ދެވޭނެ ނިޒާމެއް އޮވެއްޖެ ނަމަ، ދިވެހިރާއްޖެއިން މިކަން ކުރެވޭނެ ނިޒާމެއް އޮވެއްޖެ ކަމަށްވަނީ ނަމަ، މި ދަންނަވާ ފެސިލިޓީތަކުގައި ނުވަތަ ފެކްޓަރީތަކުގައި މިހާރު ވެސް އެ މަސައްކަތްކުރައްވަމުން އެ ގެންދަވާ ބޭރުގެ ފަރާތްތަކުގެ ބަދަލުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ޒުވާނުން ފެންނާނެ ކަމަށް އަޅުގަނޑުމެންނަށް އެބަ ޔަގީންކުރެވޭ އެފަދަ ނިޒާމެއްގެ ތެރެއިން. އަދި މި ދަންނަވާހެން އާ މަޝްރޫއުތަކަށް ނުވަތަ މި ސިނާއަތުގެ އެހެން ދިމަދިމާލުން ނަފާ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ވެސް ދިވެހިންގެ އެންގޭޖްމަންޓް އަޅުގަނޑުމެންނަށް އިތުރުވާނެކަން އެބަ އެނގޭ މިފަދަ ނިޒާމެއްގެ ތެރެއިން،" މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ މިހާރު ގާއިމުކުރެވިގެންދާ ކޮލެޖުން ފުރަތަމަ ފެށިގެންދާނީ ކުރު ކޯސްތަކަކުން ކަމަށާއި ނަމަވެސް ދުރު ރާސްތާގައި ފިޝަރީޒް، އެކޯ ކަލްޗާ، މެރިން ސައިންސް، ފަދަ ދާއިރާތަކަކީ ދިރާސާކުރުމާއި ތައުލީމު އުނގުންނައިދިނުމުގައި ރާއްޖެއަށް ދުނިޔޭގެ މަގާމެއް ހޯދިދާނެ ދާއިރާތަކެއް ކަމަށެވެ.
ފިޝަރީޒް ކޮލެޖެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު