ފައިލޭރިއާ އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭން މަދިރި މަދުކުރުމަށް ފޮގް ކުރަން ނިންމައިފިއެވެ.

އާބަންކޯން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ "ފައިލޭރިއާ އިން ރައްކާ" ކެމްޕޭނުގެ ދަށުން މިއަދުން ފަށައިގެން ހުޅުމާލެ 20 ޒޯނަކަށް ބަހައިގެން، ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ފޮގް ކުރާނީ ހެނދުނު 5:00 އިން 6:00 އަށް އަދި ހަވީރު 6:00 އިން 7:00 އަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ދުވަސްކޮޅު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން އާބަންކޯ އިން "ފައިލޭރިއާ ރައްކާ"ގެ ނަމުގައި ކެމްޕޭނެއް ފެށީ އިއްޔެއެވެ. އެ ކެމްޕޭނުގެ ދަށުން އިއްޔެ ހުޅުމާލެ 12 ޒޯނަކަށް ބަހާލައި، ކޮންމެ ޒޯނެއްގެ މަދިރި އާލާވާ ތަންތަން ވަނީ ދެނެގަނެފައެވެ.

އަދި އެ 12 ޒޯންގައި ދިރިއުޅޭ މީހުންނާއި ސްކޫލް ކުދިންނާއި ސިވިލް ސާވެންޓުން އަދި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.