ހުޅުމާލެ ފޭސް 2ގައި ފެންސު ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުން އާބަންކޯ އިން މަނާކޮށްފިއެވެ.

އާބަންކޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި ދުވަސްވަރަކީ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ގިނަވެ، ހުޅުމާލޭގައި ވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ފޭސް 2ގެ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސް ބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވެފައި އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން އެކަމަށް އިތުރަށް ސަމާލުކަން އެދިފައިވެއެވެ.

އާބަންކޯ އިން އިތުރަށް ބުނީ ފޭސް 2 ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވާއިރު، ތަކުރާރުކޮށް އެކި ފަހަރުމަތިން އެ ސަރަހައްދަށް ނުވަނުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މަދުން ނަމަވެސް އާންމުން އެ ސަރަހައްދަށް ވަންނަކަން ފާހަގަކުރެވިފައިވާތީ، ހުއްދައެއް ނެތި، ޒަރޫރީ އެއްވެސް ބޭނުމަކާއި ނުލައި އެ ސަރަހައްދަށް ވަނުމަކީ މަނާ ކަމެއް ކަމަށް ބުންޏެވެ.

މި ދުވަސްކޮޅު ފެތުރެމުންދާ ރޯގާތަކާ ގުޅިގެން އާބަންކޯ އިން އިއްޔެ ވަނީ "ފައިލޭރިއާ ރައްކާ"ގެ ނަމުގައި ކެމްޕޭނެއް ފަށައިފައެވެ. އެ ކެމްޕޭނުގެ ދަށުން އިއްޔެ ހުޅުމާލެ 12 ޒޯނަކަށް ބަހާލައި، ކޮންމެ ޒޯނެއްގެ މަދިރި އާލާވާ ތަންތަން ވަނީ ދެނެގަނެފައެވެ.

އަދި އެ 12 ޒޯންގައި ދިރިއުޅޭ މީހުންނާއި ސްކޫލް ކުދިންނާއި ސިވިލް ސާވެންޓުން އަދި ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން، ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.