ކެމަލް ސިނގިރޭޓްގެ ފޭކު ބާވަތްތަކެއް ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކަމަށް ބުނެ އެ ކަން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން، ކަސްޓަމްސްގައި ކުލިއަރެންސް ނުދީ ހުރި، އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުންޏެއްގެ މުދާތައް ހިފެހެއްޓުމަށް ސިވިލް ކޯޓުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްޗަށް ހުކުމް ކޮށްފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ކެމަލް ބްރޭންޑް ސިނގިރޭޓުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކުމުގެ އޮތަރައިޒް ޑިސްޓްރިބިއުޓާއެއްގެ ގޮތުގައި އޮތް މައެކަނި ކުންފުނި ސީޖީޓީ ޕްރައިވެޓް ލިމިޓެޑުންނެވެ.

މި މައްސަލައިގައި ސީޖީޓީން ބުނެފައި ވަނީ ކެމަލް ބްރޭންޑު ސިނގިރޭޓުގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާގެ ގޮތުގައި ފާއިތުވި 20 އަހަރު ދުވަހު އެ ކުންފުނިން މަސައްކަތް ކޮށް އެތަކެތި ރާއްޖެއަށް އެތެރެ ކުރަމުންދާ ކަމަށެވެ. ނަމަވެސް ދާދިފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް ނަމަކަށް ކިޔާ ކުންފުންޏަކުން ކެމަލް ބްރޭންޑްގެ ކައުންޓަފީޓް (ފޭކް) މުދާތަކެއް ރާއްޖެ ގެނެސް ވިއްކަމުންދާ ކަމަށެވެ.

އެ ކުންފުނިން އެކަން ކޮށްފައި ވަނީ، ސީޖީޓީން ގެންނަ މުދަލުގެ ނަމާ ވައްތަރުގެ ނަމެއް ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެގްޒޮޓިކް އިން އެތެރެކޮށްފައިވާ މުދަލުގައި ޖަހާފައި ހުންނަންޖެހޭ ލޭބަލްތަކާއި އިންޒާރުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ކަމަށާއި އެ ބްރޭންޑު އުފައްދާ މައި ކުންފުނިން ނުއުފައްދާ އަދި ނުވިއްކާ އެ ބްރޭންޑު ނަމުގައި ހުންނަ މުދަލަކީ ފޭކު ނޫން މުދަލެއް ކަމުގައި ނުވާނެ ކަމަށް ސީޖީޓީން ވަނީ ބުނެފައެވެ.

އެފަދަ ބޮޑު އޮޅުވާލުމެއްގެ ތެރެއިން، އޮތޮރައިޒްޑް ޑިސްޓްރިބިޔުޓާކަން ލިބިފައިވާ މުދަލެއްގެ ފޭކު ބާވަތެއް އެހެން ބަޔަކު ރާއްޖެ އަށް ގެނެސް ވިއްކުމަކީ ސީޖީޓީ އަށް ކަސްޓަމަރުން ކުރާ އިތުބާރު ގެއްލި، އިޔާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ފަރާތުން ކޯޓުގައި އެދިފައި ވަނީ، މި ކަމާބެހޭގޮތުން ސީޖީޓީން މައުލޫއީ ގޮތުން މިކަމާބެހޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ހުކުމް ކުރެވެންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެގްޒޮޓިކް އިން ކެމަލް ބްރޭންޑް ކަމަށް ދައްކުވައިގެން ރާއްޖެ އެތެރެ ކޮށްފައިވާ މުދާ ވިއްކުން ހުއްޓުވުމަށާއި އެ މުދަލުގެ ތެރެއިން މަސްޓަމްސްއިން ކްލިއާ ނުކޮށްހުރި އެ ކުންފުނީގެ މުދާ ކުލިއާ ކުރުން މަޑު ޖައްސައިލުމަށް އަމުރުކޮށްދިނުމާއި އެތަކެތި ވިއްކާނަމަ އެކަން ހުއްޓުވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާއި ތަންފީޒީ އިދާރާތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ކެމަލް ބްރޭންޑްގެ އަސްލު ކަމާމެދު ސުވާލު އުފައްދާފައިވާ މުދަލަކުން އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެ މުދަލުގެ އެއްވެސް މިންވަރެއް ކަސްޓަމްސްގައި ކްލިއާ ނުކޮށް ހުރިނަމަ، ކްލިއާކުރުން މަޑުޖައްސާލުމާއި އެތަކެތި ރާއްޖޭގައި ވިއްކާނަމަ އެކަން ހުއްޓުވުމަށް ފުލުހުންގެ މައްޗަށްވެސް އަމުރު ކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅޭ މައުލޫއީ ދައުވާއެއް މިމަހު 25 އިން ފެށީގެން ތިން ދުވަހުގެ ތެރޭގައި ސީޖީޓީން ހުށަހަނާޅައިފިނަމަ، މި ވަގުތީ އަމުރު ނިމުމަކަށް އަންނާނެ ކަމަށާއި މައުލޫއީ ދައުވާއެއް ހުށަހަޅައިފިނަމަ މިނޫން އެހެންގޮތެއް ޝަރީއަތުން އަންގަންދެން ނުވަތަ މައުލޫއީ މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް މި އަމުރު ދެމި އޮންނާނެ ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.