ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ދަމަހައްޓައިފިއެވެ.

ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރަން ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނެގި މައްސަލައިގައި، އައްމަޓީއަށް ހިޔާނާތުގެ 42 ދައުވާއެއް ކުރެއެވެ.

ނަމަވެސް އޭނާގެ މައިބަދައިގެ ސީރިއަސް އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާކަން ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އޭނާ އެދުމުގެ ސަބަބުން ބޭހަށް ރާއްޖޭން ބޭރަށް ފުރުމަށް މިމަހުގެ ހަ ވަނަ ދުވަހު އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

"އަހުމަދު މޫސާ މުހައްމަދުގެ މައްޗަށް މި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އޭނާގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ، ކުރީގެ ހާލަތު ބަދަލުވެފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭތީ، މި ކޯޓުން ނެރެފައިވާ 'ފުރުން މަނާކުރުމުގެ' އަމުރު ބާތިލް ކުރުމުގެ ބަދަލުގައި، އެއަމުރު ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ޝަރީއަތަށް ފެންނާތީ، އޭނާގެ ޕާސްޕޯޓް 2023 ޑިސެމްބަރު ހަ ވަނަ ދުވަހުގެ 17:00 އިން ފެށިގެން 2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 23:00 ނިޔަލަށް ދޫކުރުމަށް، ނިންމައިފީމެވެ،" ކުރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކޮށްދިނުމަށް އެދި ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެމައްސަލައިގެ މައުލޫއަށް ހައިކޯޓުން ހުކުމް ކުރަންދެން، ޕާސްޕޯޓް ދޫކޮށްފައިވިޔަސް އައްމަޓީ ރާއްޖޭން ފުރުން މަނާ ކުރުމަށް މިމަހު 19 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް، ހައި ކޯޓުން އަމުރުކުރިއެވެ.

ނަމަވެސް ޕާސްޕޯޓު ދޫކޮށްލަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން ހުށަހެޅި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ހުކުމް ކޮށްފައި ވަނީ އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެގޮތަށް ރައުޔު ނެރުއްވީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ފާތުމަތު ފަރްހީޒާ އާއި ފަޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ނަމަވެސް ބެންޗުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދު ރައުޔު ތަފާތެވެ. ފަނޑިޔާރު ހުސައިން މަޒީދު ރައުޔުގައި ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.