ފަތުރުވެރިކަމާއި އިންވެސްޓްމެންޓުގެ ދައިރާއިން ގުޅުން ބަދަހިކުރަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފާއި މޮންޓެނީގްރޯގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓާ އެލެކްސާ ބެޗިޗް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް މަޝްވަރާ ކުރައްވާފައިވަނީ ނައިބު ރައީސް މިހާރު އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބެޗިޗްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.

އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރި އާއި އިންވެސްޓްމެންޓުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ. އަދި ކުދި ގައުމުތަކުން މަލްޓިލެޓަރަލް ފޯރަމްތަކުގައި އެއްބާރުލުންދިނުމަކީ ދެ ފަރާތަށްވެސް ފައިދާ ކުރާނެ ކަމެއް ކަމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރަން ބޭނުންވާކަން ބެޗިޗްވެސް އެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ގައުމުގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ނައިބު ރައީސާ ހިއްސާކުރައްވާފައިވާ ކަމަށާއި ޔުރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރާ މަސައްކަތްތައްވެސް ހިއްސާކުރެއްވި ކަމަށް ބުންޏެވެ.

އޭގެ އިތުރުން ނައިބު ރައީސް އެ ގައުމުގެ މަޖިލީހަށް ޒިޔާރަށް ކުރައްވައި، މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާފައިވެއެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސަރުކާރުގެ ބައެއް އިސް ވެރިންނާވެސް ނައިބު ރައީސް ބައްދަލުކުރެއްވި ކަމަށެވެ.

އެ ގައުމުގެ ދައުވަތަކަށް ނައިބު ރައީސް މޮންޓެނީގްރޯއަށް ފުރާވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.