ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހިންގި "ކޮޕީ ޓްރޭޑިން ސްކީމް" އަށް އިންވެސްޓު ކުރި ތިން މީހަކަށް ފައިސާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކިންގްސް ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ، ޅ. ހިންނަވަރު، ޖަންބިގެ، ޒާނާ މުހައްމަދު އިސްމާއީލް، ކ. ތުލުސްދޫ، ރޯޒީ، އާމިނަތު ރިމްޝާ އަދި ހއ. ހޯރަފުށި، ހުސްނުހީނާގެ، ޝަހުދާ ނަސީރެވެ.
ޒާނާ، ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވަނީ "ކޮޕީ ޓްރޭޑް ސްކީމް" ގައި ބައިވެރިވުމަށް 15،000 ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެ ފައިސާ ދައްކާފައިވަނީ 35،000 ފައިދާއެއް ލިބޭ ގޮތަށް ކަމަށެވެ. ޒާނާ އެދިފައިވަނީ 35،000 ރުފިޔާ އާއި ޝަރީއަތުގެ ހަރަދު ކިންގްސް ކުންފުނިން ނަގައިދިނުމަށެވެ.
އާމިނަތު ރިމްޝާ ދައުވާގައި ބަޔާންކޮށްފައިވަނީ އޭނާ ވަނީ ސްކީމަށް 25،000 ރުފިޔާ ދައްކާފައި ކަމަށާއި އެ ފައިސާ ދައްކާފައިވަނީ 75،000 ރުފިޔާގެ ފައިދާއެއް ލިބޭ ގޮތަށް ކަމަށެވެ. އެހެންވެ ފައިދާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ އިތުރުން ޝަރީއަތުގެ ހަރަދު ނަގައިދިނުމަށް އާމިނަތު ރިމްޝާ ވެސް ވަނީ އެދިފައެވެ.
ކިންގްސް ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޝަހުދާ ބަޔާންކޮށްފައިވަނީ އޭނާ ވަނީ ސްކީމަށް 110،000 ރުފިޔާ ދައްކާފައި ކަމަށެވެ. އޭނާ އެ ފައިސާ ދައްކާފައިވަނީ 375،000 ރުފިޔާގެ ފައިދާއެއް ލިބޭ ގޮތަށް ކަމަށެވެ. އެހެންވެ އޭނާ ވެސް ވަނީ ފައިދާގެ ފައިސާ އާއި ސްކީމަށް ދެއްކި ފައިސާ ހިމެނޭ ގޮތަށް 475،000 ރުފިޔާގެ އިތުރުން ޝަރީއަތުގެ ހަރަދަށް ދިޔަ ފައިސާ ކިންގްސް ކުންފުނިން ނަގައިދިނުމަށް އެދިފައެވެ.
ކިންގްސް ކުންފުނީގެ ފަރާތުން އެއިން އެއްވެސް ދައުވާއަކަށް ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންވެ އެ ތިން ފަރާތުން ވަނީ ކިންގްސް ކުންފުނީގެ ޣައިރު ހާޒިރުގައި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައެވެ.
މައްސަލަ ބައްލަވާ ގާޒީ ރައުޔުގައި ވިދާޅުވީ މަރްޔަމް ޒާނާގެ ފަރާތުން ޝަރީއަތަށް ދިޔަ ހަރަދުގެ ގޮތުގައި 75000 ރުފިޔާ ނަގައިދިނުމަށް އެދިފައިވާ ކަމަށެވެ. އާމިނަތު ރިމްޝާގެ ފަރާތުން ޝަރީއަތަށް ދިޔަ ހަރަދުގެ ގޮތުގައި 15،000 ރުފިޔާ އަދި ޝަރީއަތަށް ދިޔަ ހަރަދުގެ ގޮތުގައި ޝަހުދާގެ ފަރާތުން 72،750 ރުފިޔާ ނަގައިދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެހާ އަދަދަށް ފައިސާ ހަރަދުވިކަން މައްސަލައާ އެކު ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
އެހެންވެ ގާޒީ ވަނީ ޝަހުދާއަށް 557،750 ރުފިޔާ، ޒާނާ އަށް 57،500 ރުފިޔާ އަދި ރިމްޝާއަށް 115،000 ރުފިޔާއާ އެކު ޖުމްލަ 730،250 ރުފިޔާ ދެއްކުމަށް ކިންގްސް ކުންފުނީގެ މައްޗަށް އަމުރުކޮށްފައެވެ. އަދި އެ ފައިސާ 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް ދައްކަންވާނެ ކަމަށް އަމުރު ކުރިއެވެ.
ސިވިލް ކޯޓުން މި ތިން މައްސަލަ ބަލާފައިވަނީ ވަކިވަކި މައްސަލަތަކެއްގެ ގޮތުގައެވެ. އެ ތިން މައްސަލަ ވެސް ބަލާފައިވަނީ ގާޒީ ސިނާން އަލީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު