ބޮޑުތަފާތަކުން މިސްރުގެ ރިޔާސީ އިންތިހާބު، އެގައުމުގެ މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ކާމިޔާބުކުރައްވައިފިއެވެ.

މިސްރުގެ އިލެކްޝަން އޮތޯރިޓީ އިން ވަނީ އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ކާމިޔާބުކުރައްވައި، އެގައުމުގެ ކުރިޔަށް އޮތް ހަ އަހަރަށް ރައީސް ކަމުގެ މަގާމު ކާމިޔާބު ކުރެއްވިކަން އިއުލާން ކޮށްފައެވެ.

އިލެކްޝަން އޮތޯރިޓީ އިން ވަނީ އިންތިހާބުގައި ވޯޓު ލީ މީހުންގެ 89.6 އިންސައްތަ މީހުން ރައީސް ސީސީއަށް ވޯޓު ލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.

އިލެކްޝަން އޮތޯރިޓީގެ އެންމެ އިސްވެރިޔާ ހާޒިމް ބަދާވީ ވަނީ ނިމިދިޔަ އިންތިހާބަކީ މިސްރުގައި މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބު ކަމަށް ވިދާޅުވެފައެވެ. އިންތިހާބުގައި ވޯޓުލެވޭ އާބާދީގެ 66.8 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަން އޮތޯރިޓީ އިން ބުނެފައިވެއެވެ. އެއީ 67 މިލިއަން މީހުން ކަމަށް އިލެކްޝަން އޮތޯރިޓީ އިން ބުނެއެވެ.

ތިރިސް ނުވަ މިލިއަން ވޯޓުން އިންތިހާބު ކާމިޔާބު ކުރެއްވި އިރު، މިއީ ސީސީގެ ރިޔާސީ ތިން ވަނަ ދައުރެވެ. މިސްރުގެ ގާނޫނުގައި ވާގޮތުން ރައީސްކަމުގައި މީހަކަށް އެންމެ ގިނައިން ހުރެވޭނީ ތިން ދައުރެވެ. އެހެންކަމުން މިއީ ސީސީ މިސްރުގެ ރައީސްކަމުގައި ހުންނަވާނެ އެންމެ ފަހު ދައުރެވެ.