އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، ރާއްޖެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާއަކީ އެ ރަށުގައި މަސައްކަތް ކުރާ ސްރީ ލަންކާގެ އަންހެނަކު ވިހާފައި އެއްލާލާފައި އޮތް ކުއްޖެއްކަން "ވަން" އަށް ވަނީ އެނގިފައެވެ. ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކައުންސިލްގެ ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ މިމަހުގެ 3 ވަނ ދުވަހުގެ ހެނދު 09:20 ހާއިރެވެ.

އިތުބާރު ހުރި މަސްދަރަކުން 'ވަން'އަށް އެނގިފައިވާ ގޮތުގައި، ކުއްޖާ ވިހާފައިވާ ކަމަށް ބެލެވެނީ މިމަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަދި ކުއްޖާ ފެނުނީ ކުނިކޮތަޅުތައް ކަނޑައި ކުނިތައް ވަކިކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި، ކުނިކޮށީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ.

ފުލުހުން ބުނި ގޮތުގައި، ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ. ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ސްރީ ލަންކާ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ގޮސް ހުއްޓައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.