ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ބިދޭސީއަކު ހުޅުމާލެއިން ވެސް ފެނިއްޖެއެވެ.

ފައިލޭރިއާ އެންމެ ފުރަތަމަ ފެނުނީ ކުޅުދުއްފުށި ސިޓީންނެވެ. އެ ސިޓީން 25 ބިދޭސީއަކުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ އިރު، އެ ބަލި ޖެހުނު ޖުމުލަ މީހުންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހުޅުމާލޭގައި އިއްޔެ ކުރިއަށްގެންދެވިފައިވާ މައިގްރޭންޓް ފެއާގައި ޓެސްޓުކުރެވުނު 13 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 12 މީހަކު ފައިލޭރިއާއަށް ނެގަޓިވްވެ، އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ބައްޔަށް ޕޮޒިޓިވްވި މީހާއަށް މިހާރު ބޭސްދެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ފައިލޭރިއާއަށް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ފުރަތަމަ އެ ބަލި ފެނުނު ކުޅުދުއްފުށިން 439 ބިދޭސީ މަސައްކަތެރީން ޓެސްޓުކުރެވިފައިވާ އިރު، އޭގެ ތެރެއިން 414 މީހަކު ފައިލޭރިއާއަށް ނެގަޓިވްވެފައިވާ ކަމަށާއި އަނެއް 25 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށިން ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ވެސް ބޭސްދެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މާސް ސްކްރީނިންއެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެ ސްކްރީނިންގައި ޓެސްޓުކުރެވުނު 155 މީހުން ވެސް ފައިލޭރިއާއަށް ނެގަޓިވްވެފައިވާ ކަމަށެވެ.

ރާއްޖެއިން ފައިލޭރިއާ ފެނުމާ ގުޅިގެން އެޗްޕީއޭ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަމާ ގުޅުންހުރި އެހެން ފަރާތްތައް ހިމަނައިގެން ވަނީ ޓާސްކް ފޯސްއެއް އެކުލަވާލައިފައެވެ. އަދި މާލޭގައި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފައެވެ. އޭގެ އިތުރުން ސްކްރީނިން ޕްރޮގްރާމުތަކާއި، މަދިރި ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމުތައް އަދި ފައިލޭރިއާއާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ދަނީ ކުރިއަށްގެންދަމުންނެވެ.

ރާއްޖެއިން ފައިލޭރިއާ ފެނިފައިވަނީ ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މިމަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީންކުރުމުގެ ތެރޭގައެވެ.