ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅަމުންދާ ކަމަށް އދ. އިން ބުނެފިއެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި އެތައް ބަޔަކު ނިކަމެތިވެފައިވާ އިރު، އދ. ގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ އާއި ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ގާޒާގައި އިންސާނީ އެހީ މެދުނުކެނޑި ފޯރުކޮށްދެވޭނެ މަގު ފަހި ކުރުމަށް ގޮވާލައިފައެވެ.
އިޒްރޭލުގެ ކަމާގުޅޭ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ހަނގުރާމަ ފެށި ފަހުން މިހާތަނަށް 5،405 އެހީގެ ލޮރީ ގާޒާއަށް ވައްދަން ހުއްދަ ދީފައި ވެއެވެ. އޭގެ ތެރޭގައި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނާއި ކާބޯތަކެއްޗާއި ފެން ހިމެނެއެވެ.
ފަލަސްތީނުގެ ވެސްޓް ބޭންކުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ގާޒާއަށް ވެއްދިފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނާ އަޅައި ބަލާއިރު މާ މަދު އެހީއެކެވެ. އެއީ އެ ހުރިހާ އެންމެނަށް އެހީ ފޯރުކޮށްދެވޭނެ މިންވަރެއްވެސް ނޫން ކަމަށް ބުނެއެވެ.
އދ. އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ގާޒާއަށް މިހާތަނަށް ފޯރުކޮށްދެވިފައި ވަނީ އެތަނުގައި ތާށިވެފައި ތިބި އެންމެނަށް ބޭނުންވާ މިންވަރުގެ އެންމެ 10 ޕަސަންޓެވެ
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެސްގައި ވިދާޅުވީ އިޒްރޭލުން ދަނީ ގާޒާގައި އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން ކަމަށެވެ. އަދި އެމީހުން އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ގާޒާގެ އެކި ހިސާބުތަކަށް އެހީ ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ގާޒާގައި އެހީ ފޯރުކޮށްދޭ މުވައްޒަފުންނަށް ރައްކާތެރިކަމާއި އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅެވޭނެ ގޮތް ފަހިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިޔަފާރީގެ މުއާމަލާތްތައް އަލުން ފަށަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ކުރިން ގުޓެރެޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމައިގައި ވޭތުވެދިޔަ 75 ދުވަސްތެރޭގައި ގާޒާގައި ހަރަކާތްތެރިވި އދ. ގެ 136 މުވައްޒަފުން މަރުވެފައިވާ ކަމަށާއި މިއީ އެ ޖަމިއްޔާގެ ތާރީހުގައިވެސް ނުދެކޭ ކަމެއް ކަމަށެވެ. ގިނަ މުވައްޒަފުން އަމިއްލަ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ގާޒާގެ މީޑިއާ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ. އިޒްރޭލުން މަރުވީ 1،400 މީހުން ކަމަށް މީގެ ކުރިން އެ ގައުމުން ބުނި ނަމަވެސް، ފަހުން ވަނީ އެ އަދަދު 1،140 މީހުންނަށް ބަދަލުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ