ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހެއް ބްލޮކްކޮށްފައިނުވާނެ ކަމަށް ސަރުކާރުން ބުންޏަސް އެއީ ދޮގެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ވަނީ "ކުރުސީ.ކޮމް، ދިޔަވަރު.ކޮމް،" ބްލޮކްކޮށްފައެވެ. އެ ސައިޓުތައް ބްލޮކްކުރި ސަބަބެއްގެ ގޮތުގައި ރައީސް އޮފީހުން ބުނެފައިވަނީ، އެ ސައިޓުތައް ބްލޮކްކުރީ ރަޖިސްޓްރީ ކޮށްފައިނުވާތީ ކަމަށެވެ.

އެކަމާ ގުޅިގެން އެމްޖޭއޭ އާއި ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޖޭއޭ އިން ބަޔާން ނެރުނީ އެއްވެސް ވަރަކަށް ކަންކަން ބެލުމެއް އަދި ދިރާސާ ކުރުމެއްނެތި ކަމަށެވެ.

"ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމްޖޭއޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމާއެކު ފާހަގަކުރަން،" ޝަހީބު ވިދާޅުވިއެވެ.

ނަމަވެސް އެމްޖޭއޭ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަޖިސްޓްރީ ކޮށްގެން ހިންގާ "ފުރަތަމަ ނިއުސް" ބްލޮކްކުރި ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް، އެ ޖަމިއްޔާއިން ބަޔާން ނެރުމުގެ ކުރިން ވަނީ އެ ޖަމިއްޔާއާ އެފިލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރެޓީ އެކްސްޕާޓުންގެ އެހީތެރިކަމާއެކު ލިބެން ހުރި ހެކިތައް ހޯދާފައި ކަމަށެވެ.

"އެ ބޭފުޅުން މި ޖަމިއްޔާއަށް މައުލޫމާތު ދެއްވީ 'ފުރަތަމަ.ކޮމް' ބްލޮކް ކޮށްފައިވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް. އަދި ސައިޓުގެ ވެރިފަރާތުން ވެސް އެގޮތަށް މި ޖަމިއްޔާއަށް ޝަކުވާ ހުށަހަޅާފައިވޭ،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ، އެ ޖަމިއްޔާއިން ބަޔާނެއް ނެރުމުގެ ކުރިން، ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ބަހުސްކޮށް، ޖަމިއްޔާއާ އެފިލިއޭޓްވެފައިވާ ބައިނަލްއަގުވާމީ ނޫސްވެރިންނާ ގުޅުން ހުރި ޖަމިއްޔާތަކާ މަޝްވަރާކުރާ ކަމަށެވެ.

އެމްޖޭއޭ އިން މަސައްކަތްކުރަނީ ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ހައްގު ހިފަހައްޓައި ނެގެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.