އިޒްރޭލުގެ ޒަޔަނިސްޓް ލަޝްކަރުތަކާ ދެކޮޅަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން މިހާރު ކުރަމުންދާ ޖިހާދުގެ ސިކުނޑިޔަކީ އުމުރުފުޅުން 61 އަހަރުވީ ޔަހުޔާ ސިންވާރުކަމަށް ބުނެވެއެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހު އިޒްރޭލު ގުޑުވައިލުމަށް ހަމާސް ޖަމާއަތުން ހިންގި އާދަޔާ ޚިލާފު އަސްކަރީ އޮޮަޕަރޭޝަން ރޭވުމުގެ މޭސްތިރިޔަކީވެސް އޭނާ ކަމަށް ބުނެވެއެވެ. ޔަހުޔާ ސިންވާރަކީ ކޮން ބޭފުޅެއް ބާވައެވެ. ވަނަވަރަކީ ކޮބައިބާވައެވެ. ސިންވާރަކީ ހަމާސް ޖަމާއަތް އުފެއްދުމާއި އެ ޖަމާއަތުގެ އަސްކަރީ ގޮފި އިއްޒުއްދީން ގާސިމް ބްރިގޭޑް އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި މުއައްސިސެކެވެ. އޭނާ ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވީ ގާޒާގެ ދެކުނުގައިވާ ޚާން ޔޫނުސް ރެފިއުޖީ ކޭމްޕުގައި 1962 ވަނަ އަހަރުއެވެ. ހަމާސް ޖަމާއަތް 1987 ވަނަ އަހަރު ވުޖޫދުވީއްސުރެ ސިންވާރަކީ އެ ޖަމާއަތުގެ އެންމެކުރީ ސަފުގެ މެންބަރެކެވެ. ހަމާސްގެ ބާނީކަމަށްވާ ޝައިޚް އަހުމަދު ޔާސީންގެ ތާއީދާއި އިތުބާރު އެންމެމަތީ ދަރަޖައަށް އޮތް ބޭފުޅެކެވެ.
ހަމާސް ޖަމާއަތް ވުޖޫދުވުމަށްފަހު ސިންވާރު އެންމެފުރަތަމަ ހުންނެވީ އެ ޖަމާއަތުގެ އެތެރޭގެ ސަލާމަތާބެހޭ ޔުނިޓުގެ ވެރިއަކަށެވެ. މި ޔުނިޓް މަޝްހޫރުވެފައިވަނީ އަލްމަޖުދުގެ ނަމުންނެވެ. މިއީ ފަލަސްތީނު މީހުންގެ ތެރެއިން އިޒްރޭލަށް ޖާސޫސުކޮށްދީ މުޖާހިދުންގެ މައުލޫމާތު އިޒްރޭލަށް ފޯރުކޮށްދޭ މީހުން ހޯދައި އެމީހުންނާމެދު ފިޔަވަޅު އެޅުމަށްޓަކައި ޝައިޚް އަހުމަދު ޔާސީން އުފެއްދެވި ޔުނިޓެކެވެ. މި ޔުނިޓުގެ ވެރިއެއްގެ ގޮތުގައި ސިންވާރު ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިޒްރޭލް ސިފައިން 1989 ވަނަ އަހަރު އޭނާ ހައްޔަރުކޮށް ސަރިޔަތް ހިންގައި އުމުރުދުވަހުގެ ޖަލުހުކުމެއް އިއްވިއެވެ. އިޒްރޭލުގެ ޖަލެއްގައި ބާވީސް އަހަރު ހޭދަކުރެއްވިފަހުން އޭނާ މިނިވަންކުރެވުނީ ހަމާސްގެ ބެލުމުގެދަށުގައި ހުރި އިޒްރޭލުގެ ސިފައިންގެ މީހެއްކަމަށްވާ ގިލާޑް ޝަލީތުގެ މިނިވަންކަމުގެ ބަދަލުގައި 2011 ވަނަ އަހަރު އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ އެއްހާސް ގައިދީން މިނިވަންކޮށް ދޫކޮށްލެވުނުއިރުއެވެ.
ޖަލުގައި ހުންނެވި ދިގު މުއްދަތުގެ ތެރޭގައި ސިންވާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި ކަމަކީ ހިބްރޫބަސް ދަސްކުރެއްވުމެވެ. އިޒްރޭލު މީހެކޭ އެއްވަރަށް އެބަހަށް އޭނާ އަހުލުވެރިވެވަޑައިގެންނެވިއެވެ. ހަމާސް ޖަމާއަތަށް ނިސްބަތްނުވާ މީހުންވެސް ޖަލުގައި ސިންވާރަށް އިހުތުރާމް ކުރިއެވެ. ކޮންމެ ޖަލެއްގައި ހުންނެވިއަސް ފަލަސްތީނުގެ ގައިދީންގެ ލީޑަރަކީ އޭނާއެވެ. އެމީހުންގެ ފަރާތުން ވާހަކަ ދައްކަވާ ތަރުޖަމާނަކީވެސް އޭނާއެވެ. މިނިވަންކުރެވުމާއެކު އަލުން ގާޒާއަށް ވަޑައިގެން ހަމާސް ޖަމާއަތުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ގާޒާގައި ހުންނަވާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިކަން އޭނާއަށް ލިބިވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ. އޭގެކުރިން އެ މަގާމުގައި ހުންނެވީ އިސްމާއީލް ހަނިއްޔާއެވެ. ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިއެއްގެ ގޮތުގައި އިސްމާއީލް ހަނިއްޔާ މިހާރު ހުންނަވަނީ ގަތަރުގައެވެ. ސިންވާރު ވަނީ 2021 ވަނަ އަހަރު އަނެއްކާވެސް ހަމާސްގެ ސިޔާސީ ގޮފީގެ ވެރިއަކަށް ދެވަނަ ދައުރެއްގައި އިސްކޮށްފައެވެ.
އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ އެތައްހާސް ބަޔަކު އެބަތިއްބެވެ. ގިނަބަޔަކު ސަރިޔަތެއްވެސް ހިންގުމަކާ ނުލައެވެ. އިޒްރޭލަށް ފެނުނު ކޮންމެ މީހަކު ނުރައްކަލެއް ކަމަށް ބަލައިގެންނެވެ. މިގޮތަށް ޖަލުގައި ތިރީސް ނުވަތަ ސާޅީސް އަހަރު ވެފައިވާ ގައިދީން ވަރަށްވެސް ގިނައެވެ. ހަމައެކަނި ހަމާސްއަށް ނިސްބަތްވާ މީހުންނެއް ނޫނެވެ. އެކިއެކި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ. މިފަދަ ގައިދީން މިނިވަންކުރުމަކީ ޔަހުޔާ ސިންވާރުގެ ވަރަށްބޮޑު އުންމީދެކެވެ. އިޒްރޭލުގެ ޖަލުގައި ބާވީސް އަހަރު ހޭދަކުރައްވާފައިވާތީ ފަލަސްތީނުގެ ގައިދީންނާމެދު އިޒްރޭލުން އަމަލުކުރާ ލާއިންސާނީގޮތްތައް އޭނާއަށް އެނގިވަޑައިގަންނަވައެވެ. ގައިދީން މިނިވަންކުރެވޭނެ ގޮތްވެސް އޭނާއަށް އެނގިވަޑައިގަންނަވައެވެ. އެގޮތަކީ އިޒްރޭލު ސިފައިން ހައްޔަރު ކުރުމެވެ. ރަހީނު ކުރުމެވެ. އެކަން ކުރެވުނު ކޮންމެ ގޮތަކުންނެވެ. ޚުދު އޭނާވެސް މިނިވަންވެފައި އެހުންނެވީ އިޒްރޭލުގެ ސިފައިންގެ އެންމެ މީހެއްގެ މިނިވަންކަމުގެ ބަދަލުގައެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ހިންގި އޮޕަރޭޝަނަކީ މިހާތަނަށް ދުވަހަކުވެސް ފަލަސްތީނުގެ ޖަމާއަތަކުން އިޒްރޭލާ ދެކޮޅަށް ހިންގާފައިނުވާވަރުގެ ބޮޑު އޮޕަރޭޝަނެކެވެ. އިޒްރޭލް ސިފައިން މިހާރު ގާޒާ ސުންނާފަތި ކުރަމުން، ފަލަސްތީނުގެ ރައްޔިތުން މަރައި ހުސްކުރަމުން އެދަނީ މިދެންނެވި އޮޕަރޭޝަން ބަހަނާއަކަށް ހަދައިފައެވެ. ހަމާސް ޖަމާއަތުން މިވަރުގެ އޮޕަރޭޝަނެއް ހިންގުމުގެ ބޭނުމަކީ ނުވަތަ މަގުސަދަކީ ކޮބައިބާވައެވެ. ގިނަބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި އަމާޒަކީ އިޒްރޭލު ސިފައިންގެ ތެރެއިން ވީހާވެސް ގިނަބަޔަކު ހައްޔަރުކުރުމެވެ. ތަފާސްހިސާބުތަކަށް ބަލައިލީމާ އެ ރައުޔަށް ބާރުވެސް ލިބެއެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހު ހަމާސްއިން ހިންގި އޮޕަރޭޝަން ހުއްޓާލައިފައި އެނބުރި ގާޒާއަށް ދިޔައީ އިޒްރޭލުގެ ސިފައިންނާއި ފުލުހުންނާއި އަދި އާއްމުންގެ ތެރެއިންވެސް ބަޔަކު ހިމަނައިގެން ޖުމްލަ 240 ރަހީނުންނާއެކުގައެވެ. ރަހީނުން ހިފެހެއްޓުމުގެ ބޭނުމަކީ ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމެވެ.
ރަހީނުން މިނިވަންކުރުމުގެ ބުރެއްގެ ތެރެއިން ހަމާސް ޖަމާއަތުން ވަނީ މިހާތަނަށް 97 މީހުން ދޫކޮށްލައިފައެވެ. އޭގެ ބަދަލުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 210 މީހުން މިނިވަންކޮށްފައެވެ. ހަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް އިޒްރޭލުގެ 140 ރަހީނުން ގާޒާގައި އެބަތިއްބެވެ. އެމީހުން މިނިވަން ކުރުމުގެ ވާހަކަތައް ފަރުދާގެ ފުރަގަހުގައި ދަނީ ހިނގަމުންނެވެ. މިވާހަކަތަކުގައި ހަމާސްގެ ފަރާތުން ގޮތް ނިންމަވަނީ ޔަހުޔާ ސިންވާރެވެ. އިޒްރޭލު ކިތަންމެ ނުރުހުނަސް، މިވާހަކަތައް ކުރިއަށް ގެންދިއުން ނޫން އެހެންގޮތެއް ނެތެވެ. ފަލަސްތީނުގެ ގައިދީން ދޫކުރުން ނޫންގޮތެއްވެސް ނެތެވެ. އެކަމަކު އަދި އެއްސުވާލު އެބައޮތެވެ. އެއީ ޔަހުޔާ ސިންވާރުގެ ކުރިމަގާ ގުޅޭ ސުވާލެކެވެ. އޭނާއަކީ މިހާރު އިޒްރޭލު އެންމެ ޖެހިލުންވާ މީހާއެވެ. ފަލަސްތީނުގެ ލީޑަރުން ދުނިޔެއިން ނައްތައިލުމަކީ އިޒްރޭލުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ވީމާ ސުވާލަކީ އިޒްރޭލުގެ ބޮމެއް، ނުވަތަ ބަޑިއެއްގެ ޝިކާރަކަމުގައި ޔަހުޔާ ސިންވާރު ވެގެންދާނީ ކޮންއިރަކު ބާވައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ