މާލޭ ސިޓީގެ ބައި އިލެކްޝަންގައި އަނެއްކާވެސް ދޮގާއި މަކަރު ގަބޫލުކޮށް، ރަނުގެ ފުރުސަތެއް ގެއްލުވައިނުލުމަށް އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިލްތިމާސްކުރައްވައިފިއެވެ.

މިރޭ ބޭއްވި މާފަންނު ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އިހުލާސްތެރި ވެރިންނާއި އިހުލާސްތެރި ބޭފުޅުން ތިއްބެވީ އެމްޑީޕީގައި ކަމަށާއި ރަނގަޅު ކަންތައްތައް ނިންމުމުގެ ހިތްވަރު ހުރި ބޭފުޅުން ތިބީ ވެސް އެ ޕާޓީގައި ކަމަށެވެ. އަދި ހުރިހާ ކަމަކަށް ހައްލު ގެނައުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އާޒިމް އިލްތިމާސްކުރެއްވިއެވެ.

"މިހާރު އެއް ފުރުސަތު ގެއްލުވާލައިފި. ވަރަށް ރަނގަޅު، ވަރަށް ހިތްހެޔޮ، ގައުމުގެ އެންމެން ދެކެ ލޯބިވާ ވެރިއެއް ގެއްލިގެން އެދިޔައީ. ފިތުނަ އާއި ދޮގާ އަޅުގަނޑުމެން ގަބޫލުކުރީމަ. ދެންވެސް އަނެއްކާވެސް އެ ފިތުނަ އާއި ދޮގާ ގަބޫލުކޮށްގެން އެ ސަކަރާތް ޖަހައިފި ކަމަށްވަންޏާ، ތިބޭފުޅުންނަށް ތި ގެއްލެނީ، މާލޭގެ ރައްޔިތުންނަށް ތި ގެއްލެނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތި ގެއްލެނީ، ދަފްތަރުގެ ރައްޔިތުންނަށް ތި ގެއްލެނީ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރަން ނުކުމެ އުޅޭ ކަމަށް ކެންޑިޑޭޓުން ބުނަމުންދާ ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައި އޮތީ ފުށިދިއްގަރުފަޅު ހިއްކައި، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެތަނަށް ޖަމާކުރުން ކަމަށެވެ. އަދި ރައްޔިތުން ދާން ބޭނުންވާ ތަނެއް ކަނޑައެޅުމުގެ ފުރުސަތު އަންނަ މަހުގެ 13ގައި ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން 13 ޖެނުއަރީގައި ނިންމަންވީ ތިބޭފުޅުން ނިންމަންވީ ފުށިދިއްގަރުފަޅަށްތޯ ދާން، ނޫނީ ތިބޭފުޅުން ބޭނުންވަނީ ގުޅިފަޅަށްތޯ، ގިރާވަރުފަޅަށްތޯ، އުތުރުތިލަފަޅަށްތޯ، ހުޅުމާލެއަށްތޯ ދާން. ތިބޭފުޅުންނަށް މިއޮތީ ތިބޭފުޅުން ދާން ބޭނުންވާ ތަނެއް ނިންމުމުގެ 13 ޖެނުއަރީގައި. އަޅުގަނޑު އެދޭނީ ތިބޭފުޅުން ރަނގަޅަށް ވިސްނާފައި ނިންމައްޗޭ. އެހެންނޫނީ ތިބޭފުޅުން ދާން ޖެހޭނީ ބޮޑު ކަނޑެއް ހުރަސްކޮށްފައި، ދެ ގަޑިއިރުގެ ދަތުރެއް ކޮށްފައި ތިބޭފުޅުންގެ ރަށަށް،" އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެއްޔާ އެ ނިންމެނީ ފުށިދިއްގަރުފަޅަށް ދާން ކަމަށާއި ބޮޑު އަގުލަބިއްޔަތަކުން ނިންމިއްޖެ ކަމަށްވަންޏާ، ރައްޔިތުން ތި ތިބީ ފުށިދިއްގަރުފަޅަށް ދާން ނޫންކަން ސަރުކާރަށް އެނގޭނެ ކަމަށެވެ.