ރައްޔިތުންގެ ހާލު ބެލުމަށް އެ މަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންތައް ރަށްރަށަށް، މި ހަފުތާ ބަންދުގައި ވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ކަންގަތިކޮލި 2023 އެވޯޑު ދިނުމުގައި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުން ވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިގޮތުން ރައްޔިތުންގެ ހާލު ބެއްލެވުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތުގެ ވަޒީރު ބޭފުޅުންނާ، ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށަށް އެ މަނިކުފާނުވެސް ދަތުރުފުޅުތައް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ސީދާ އެ މަނިކުފާނާ ސުވާލު ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައްވާނެ ކަމަށް ވިދާޅުވިއެވެ.
"މީގެ އިތުރަށް ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑަށް ސުވާލު ކުރެވޭ ގޮތަށް އަދި އެ ރައްޔިތެއްގެ އިހުސާސްތަކާ ހިޔާލުތަކާ އުއްމީދުތަކަށް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ "ހަފުތާ14"ގެ ތެރެއިން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފޯރަމް ކޮންމެ ތިން މަހަކުން އެއް މަހަކު އޮންނާނެ ކަމަށާއި ފުރަތަމަ ފޯރަމް ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކެބިނެޓް މިނިސްޓަރުން އެފަދަ ފޯރަމްތަކެއް ކޮންމެ ދެ މަހަކުން އެއް މަަހަކު ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވަޒީރުން ބާއްވާ ފުރަތަމަ ފޯރަމް އަންނަ މަހު ބާއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ސަރުކާރު ކުރިއަށް ދަނީ ރައްޔިތުންގެ ކަންކަން ފަސޭހައިން ހައްލުކުރެވޭ ނިޒާމެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު