މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ އެންމެ އިސްވެރިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރުގެ މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ހަމަ ނިންމާފައި އޮތް ސަރުކާރެއް. އަޅުގަނޑުމެން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާފައި އަދި ދިވެހިރާއްޖޭގެ ގާނޫނާއި ގަވައިދުގެ އިމުގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން މި ފަހުން ވަނީ، ވެސްޓްޕާކް ކައިރީގައި އަލީ ޝިފާން މަރާލި މައްސަލައިގައި އޭނާގެ ގާތިލު މުހައްމަދު ޝައިފަން މަރަން ކުރި ހުކުމަށް ތާއިދުކޮށްފައެވެ. ގާނޫނުގައިވާ ގޮތުން މަރުގެ ހުކުމް ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓައިފި ނަމައެވެ.
ޝައިފަން ހިމެނޭހެން ތިން މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައި އެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފައެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު