ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމި ނިންމުމަށް ދެކޮޅުހަދައި ކޮމިޓީގެ އެ ނިންމުން ބަލައި ނުގަތުމަށް ދަ ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އިލްތިމާސް ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް 20،000 ރުރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަށް 18،000 ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުުރުން ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސާއި، މެންބަރުންގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނާއި، މޭޔަރުންނާއި ކައުންސިލް މެންބަރުންނާއި މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމު ތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަންވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މުސާރަތައް ބޮޑުކުރަން ކޮމިޓީން ނިންމާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމަނާފައި ވަނިކޮށެވެ.
މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން"އަށް އިއްޔެ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރަތަކަށާއި، ސިވިލް ސާވިސް އާއި އެހެނިހެން ތަންތަނުން، އެ ތަންތަނުގެ މުވައްޒިފުންނަށް މުސާރަ ބޮޑު ކުރުމަށްޓަކައި، ޕޭ ހާމަނައިޒް ކުރުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 500 މިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ކަމަށާއި އަދި އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
އެ ނިންމުން ބަލައި ނުގަތުމަށް، މަޖިލީހުގެ ރައީސަށް އިލްތިމާސްކޮށް ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްފައި ބުނެފައި ވަނީ، ރާއްޖޭގެ އިގްތިސާދު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ މިންވަރު އިންތިހާއަށް އިތުރުވެފައިވާކަމަށެވެ. ބޭނުންކުރެވޭ ރިޒާވް ހުސްވުމަކާ ގާތް ވެފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުސްވި ހަފުތާގައި ފާސްކުރި ޑެފިސިޓް ބޮޑު ބަޖެޓުގެ ޑިފިސިޓް ފޫބައްދަން ފައިސާ ހޯދޭނެ ގޮތެއް ކަށަވަރު ނުވާ ކަމަށްވެސް ބުނެފައިވެއެވެ. ރާއްޖޭގެ އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި، އާއްމު މަސައްކަތްތެރީންނާއި ސިވިލް ސާވަންޓުންގެ މުސާރަ އާއި އުޖޫރަ، ހަރަދުގެ ނިސްބަތުން ވަނީ ވަރަށް ދަށުގައި ކަމަށްވެސް ބުނެފައިވެއެވެ.
އެހެން އެކަން އޮތްއިރު، އަދި އެކަންކަން ހުރި ނެތްގޮތް އެންމެ ރަނގަޅަށް އޮޅުންފިލައި ތިބެ، ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ހުރިހާ ސިޔާސީ މީހުންގެ މުސާރަ އިތުރަށް ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީމް ނިންމުމަކީ ލަދުވެތި އެހާމެ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުން މާލިއްޔަތު ކޮމިޓީގެ އެ ނިންމުމާ ދެކޮޅު ހަދާ ކަމަށެވެ. ކޮމިޓީގެ އެ ނިންމުން ބަލައިނުގަނެ އަނބުރާ ފޮނުވައިލުމަށް މަޖިލީހުގެ ރައީސަށް އެ ޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.
ބޮޑު އަގުލަބިއްޔަތެއް ކޮމިޓީގަ އާއި މަޖިލީހުގައި އޮތް ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތައް ނިންމާއިރު ޒިންމާދާރުވުމަށްވެސް އެ ބަޔާނުގައި އެމްޑީޕީއަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު