ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް މި ހަފުތާތެރޭ ފަށާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިއަދު ބުނީ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސަައްކަތް މި ހަފުތާތެރޭ ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގެ ފަޅުތެރޭ ހުރި އުޅަނދުތައް ނެގުމަށް އަންގާ ކަމަށެވެ.

އާބަންކޯއިން "ވަން"އަށް ބުނީ މިހާރުވެސް ހުލުމާލެ ތިންވަނަ ފިޔަވަހީގެ ފަޅުތެރޭ ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެ އުޅުނދުތައް އެ ސަރަހައްދުން ނެގުމަށް އަަންގަމުން އަންނަ ކަމަށެވެ.

އެގޮތުން ހުސްކުރަން ޖެހޭ ސަރަހައްދަކީ އެކުލަވައިލެވިފައިވާ ޗާޓުގެ ސްޓޭޖް ދޭއް، ސައިޓް ބީ ނުވަތަ ފެހިކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުކަމަށެވެ. އެ ފަޅުތެރެއިން ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރު ފަޅުތެރޭ އެޅުމުގެ ފުރުސަތު ފަހިކޮށްދެވިފައި ވާނެ ކަމަށްވެސް އެ ކޯޕްރޭޝަނުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕްރޭޝަނުގެ ހޮޓްލައިން ނަންބަރުން ލިބޭނެކަމަށް އާބަންކޯއިން ބުންޏެވެ. އެ ފަޅުތެރޭ ހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން ވިހާވެސް އަވަހަކަށް ނެގުމަށް އެކޯޕްރޭޝަނުން އެދެއެވެ.