ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް އެޓާނީ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޓީގެ މަސައްކަތް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެލުމުގެ ދަށުން ކަމަށެވެ. ދެން އެ ކޮމިޓީގައި ތިއްބަވާނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ކާނަލް އަހުމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ސެކްރެޓަރީ މަލްޓިލެޓްރަލް އަހުމަދު ޝިއާންއެވެ. އަނިލް މަސައްކަތް ކޮށްދެއްވާނީ ހިލޭ ސާބަހަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއީ ކަނޑުގެ މައްސަލަ ދިރާސާކުރުމަށާއި މަސައްކަތް ވިލަރެސް ކުރުމަށްޓަކައި އެކުލަވާލި ކޮމިޓީއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ވަނީ ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތްތަކަށް 10 މިލިއަން ރުފިޔާ ހިމަނައިފައެވެ.
އިޓްލޮސްގެ ހުކުމް އިސްތިއުނާފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދަކީ ކުރީ ސަރުކާރުން ވިއްކާލި ބައެއް ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު