އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު މަރުވެއެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދު 19،400 އަށްވުރެ މަތީގައި އުޅޭއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ. ކޮންމެ ދުވަހަކުވެސް މިތަކެއް މީހުން މަރުވެއްޖެއޭ ބުމުން، މިއީ ދިރިއުޅުންތަކެއް ބިނާކޮށް، އެތައް މަސައްކަތެއް ކުރި ބައެއް ކަމެއް ގިނަ މީހުންނަށް ވިސްނައެއްވެސް ނުލެވެއެވެ. އެއީވެސް މީހެއްގެ ލޯބިވާ ދަރިއެއް، މަންމައެއް ނުވަތަ ބައްޕައެކެވެ. ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވި ހުވަފެންތަކެއް ހުންނާނެ ބައެކެވެ.

މިއީ ޝަގީލާ އާއި ޔުމްނާގެ ވާހަކައެވެ. 5 މަހުގެ ތުއްތު ޔުމްނާގެ ވާހަކަ، ގާޒާގެ ޝަހީދުންގެ ވާހަކަތައް ގެނެސްދޭ ސޯޝަލް މީޑިއާ ޕޭޖަކާ ހިއްސާކުރީ އޭނާގެ މަންމަ މަރަމް ޝަގީލާ އެވެ. މާބަނޑު ދުވަސްވަރު އޭނާ އުފުލި ތަކުލީފުގެ ވާހަކަ ކިޔައިދެމުން ޝަގީލާ ބުނީ އެދުވަސްވަރު އޭނާ އުޅުނީ ދަރިފުޅަށް ގެއްލުމެއް ވެދާނެތީ ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ބަނޑަށް ނުވަ މަހުގައި އެމްނިއޯޓިކް ފްލުއިޑް މަދުވުމުގެ ސަބަބުން ޔުމްނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ޝަގީލާ ބުންޏެވެ. ދަރިފުޅު ސަލާމަތްކުރަން ބޭނުންވާ ކަމަށްބުނެ ރޮމުން ރޮމުން އެއް ދުވަހަކު ހޮސްޕިޓަލަށް ދިޔަކަމަށާއި ދަރުފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަގުތުން ސިޒޭރިއަން ހެދި ކަމަށް ބުންޏެވެ.

ޔުމްނާއަށް ނަން ދިނީ އޭގެ ދެ ހަފުތާ ފަހުންނެވެ. ނަން ހޯދީ ވަރަށް ވިސްނައިގެން ކަމަށާއި ޔުމްނާ ކިޔަން ނިންމީ އެ ނަން މާ ބޮޑަށް ކަމުދިއުމުން ކަމަށް ޝަގީލާ ކިޔައިދިނެވެ. އޭނާ ބުނީ ދަރިފުޅު ބަނޑުހައިވެގެން ރޯ ކޮންމެ ވަގުތެއްގައިވެސް އޭނާގެ އަމިއްލަ ތަކުލީފު ހަނދާން ނެތޭ ކަމަށާއި އެވަގުތު ބެލެނީ ދަރިފުޅުގެ ގައިގައި ބައްދާލައި ލޯބި ދިނުމަށް ކަމަށް ބުންޏެވެ.

ދެ މަސްވުމުން ދަރިފުޅަށް ވެކްސިން ދިން ދުވަހުގެ ހަނދާން އާކުރަމުން ޝަގީލާ ބުނީ އެ ރޭ ޔުމްނާ ވަރަށް ރުއި ކަމަށެވެ. އެރޭ އޭނާ އޮތީ ޔުމްނާގެ ކައިރީގައި ކަމަށާއި ދަރިފުޅުގެ ވޭން އިހުސާސްކުރެވި އޭނާއަށްވެސް އެ ރޭ ވަރަށް ރޮވުނު ކަމަށް ބުންޏެވެ.

ނަމަވެސް އެ ހުރިހާ ތަކުލީފެއްގެ ތެރޭގައި ޔުމްނާއަށް 5 މަސް ފުރުނެވެ. ދެން ޔުމްނާއަށް ބިސްކޯދު ކާންދެވޭނެތީ ޝަގީލާ ހުރީ ވަރަށް އުފަލުންނެވެ. އަދި ބިސްކޯދާއި ކިރަކީ ޔުމްނާއަށް ވަރަށް މީރު އެއްޗެއް ކަމަށް ބުންޏެވެ. ޒުކީނީއާއި ކެރެޓާއި އަލުވިވެސް ޔުމްނާއަށް ކާންދޭ ކަމަށް ޝަގީލާ ބުންޏެވެ.

ދެން އެ އާއިލާއަށް ދިމާވީ ބިރުވެރި ހުވަފެނެއް ކަހަލަ ދުވަސްތަކެކެވެ. ހަނގުރާމަ ފަށަން އުޅޭކަމުގެ ވާހަކަތައް އަޑުއިވެން ފެށިއެވެ. ހަމަލާ ބަދަލުކުރަންފެށިއެވެ. ގާޒާގައި ބިރުވެރިކަން ފެތުރިއްޖެއެވެ. ޝަގީލާ ބޭނުންވި ހަމައެކަނި ކަމަކީ ދަރިފުޅަށް ރައްކާތެރިކަން ދިނުމެވެ. އެހެންކަމުން ރައްކާތެރިކަން ލިބޭނެ ތަނަކަށް ދާން ތައްޔާރުވިއެވެ.

"އަހަރެން ޔުމްނާ ހުދު ކުލައިގެ ހެދުމެއް ލެއްވިން، ސެންޓު ޖަހައި، ގާތުން ކިރު ދިނިން. ބިސްކޯދާއި ކިރު ދިނިން. ނޭނގި ހުރެ އަހަރެންނަށް ދަރިފުޅު ތައްޔާރު ކުރެވުނީ މަރަށް" ޝަގީލާ ކިޔައިދިނެވެ.

ޔުމްނާއަކީ ޝަގީލާގެ ފުރަތަމަ ދަރިފުޅެވެ. އިޒްރޭލުގެ ހަމަލާއެއްގައި ޔުމްނާ ޝަހީދުވީ އޮކްޓޫބަރު މަހުގައެވެ. މިދިޔަ މަހު ޝަގީލާވެސް ވަނީ ޝަހީދުވެފައެވެ.