އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާދަމް އާޒިމަކީ ކޮންމެ ކެޕޭސިޓީއެއްގައި މަސައްކަތްކުރެއްވިޔަސް، ވަރަށް ގާބިލު ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށްގެންދިޔަ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމުގެ މާލިމީއެއްގެ ގޮތުގައި މަސައްކަތްކުރެއްވީ އާޒިމް ކަމަށާއި އޭނާ އެ މަސައްކަތްތައް ވަރަށް ރަނގަޅަށް އަދާކުރެއްވި ކަމަށެވެ.

"އާދަމް އާޒިމް ކޮންމެ ކެޕޭސިޓީއެއްގައި މަސައްކަތްކުރެއްވިޔަސް، ބަލާފައި އޮތީ ޒިންމާ އަދާކުރުމަށް ރައްޔިތުންނަށް ތިމަންނާއަށް ކަންތައްތައް ކޮށްދެވޭނެ އެންމެ ރަނގަޅު ގޮތަކީ، އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިތޯ. އެމްޑަބްލިޔުއެސްސީއަށްފަހު އެމްޓީސީސީއަށް ވަޑައިގެން މާލޭގެ ޕަބްލިކް ޓްރާންސްޕޯޓް ފަސޭހަކުރުމަށްޓަކައި، ހާއްސަކޮށް މިނީބަސް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތައް ކުރެވިގެންދިޔަ. މާލޭގެ ޕާކިން މައްސަލަތައް ހައްލުކުރުމަށްޓަކައި ވެސް، މިހާރު ހެދިފައި ހުރި ކަމަށްވަންޏާ ވެސް މާލޭގެ ގިނަ ސަރަހައްދުތަކުގައި ގިނަ ތަންތަން ހެދިފައި އެ ހުރީ އާދަމް އާޒިމްގެ ހިއްސާ އެކަމުގައި އޮވެގެން،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މާލޭ ރައްޔިތުންނަށް ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތުގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރެއްވީ އާޒިމް ކަމަށާއި މަގާމަކަށް މީހަކު އިސްކުރާ އިރު، ރަނގަޅަށް ބަލަންވާނެ ކަމަށެވެ. އަދި މިއީ ހިތަށް އަރާހާ ގޮތަކަށް، މީހަކު ބުނެލާހާ މީހަކަށް ވޯޓުދޭން ހެޔޮވާ ވަރުގެ ޒަމާނެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ލާ ވޯޓުން އެ ރަނގަޅަށް ގޮސްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އޭގެ ފައިދާ، އަޅުގަނޑުމެންގެ އާއިލާތަކަށް އޭގެ ފަސޭހަކަން އޮތީ. ޑިސިޝަނެއް މޭކް ކުރާ ކަމަށްވަންޏާ، ރައިޓް ޓައިމްގައި ރައިޓް ޑިސިޝަން އަޅުގަނޑުމެން މޭކް ކުރަން ޖެހޭނެ. ނުކޮށްފި ނަމަ، މުޅި ގައުމު ފެއިލްވަނީ، މުޅި ރައްޔިތުން ފެއިލްވަނީ. އެހެންވީމާ އަޅުގަނޑުމެން މިއަދު މާލެ، ވިލިމާލެ، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް، އަދި މާލެ ޒިޔާރަތްކުރައްވާ އަޅުގަނޑުމެންގެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ މިކަމުގައި ތިބޭފުޅުންނަށް ދެވެން އޮތް އެހީތެރިކަމެއް ދެއްވާށޭ، މިކަމުގައި އެއްބާރުލުން ދެއްވާށޭ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މާލޭގެ މަގުތައް ސާފުކުރަން ޖެހިފައިވާ ކަމަށާއި އެކްސިޑެންޓުތައް ގިނަވާ މައްސަލައަށް ވެސް ހައްލެއް ގެންނަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އާޒިމަކީ އެކި މީހުން ގޮވައިގެން، މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއްކަން ވެސް ފައިސަލް ފާހަގަކުރެއްވިއެވެ.