ހުޅުމާލޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ފިރިހެނަކު އަންހެނަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ މައްސަލައެއް މިރޭ 6:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަނިޔާވި އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެއީ 51 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހަމަލާދީފައިވަނީ އާއިލީ މައްސަލައެއްގައި ދަރިފުޅަކު އޭނާގެ މަންމައަށް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަކީ ނަފުސާނީ ބަލި މީހެއް ކަމަށެވެ. އަދި އޭނާ ޑޮކްޓަރަށް ދައްކަން ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.