ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ޕޮޒިޓިވް ކޭސްތަކެއް ކުޅުދުއްފުށި ސިޓީން ފެނިފައިވާތީ، އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މި މަހުގެ އެއްވަނަ ދުވަހު އަދި ދެވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން އެ ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި އެކި ބަލިތަކަށް ސްކްރީން ކުރުމުގެ ތެރެއިން 17 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން އިއުލާން ކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
އެޗްޕީއޭން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަދަދު މިހާރު 19 އަށް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ އެޗްޕީއޭ އިން ވަނީ އެ ބަލި ފެތުރުން ހުއްޓުވުމަށާއި ބައްޔާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައި ކަމަށެވެ.
ކުޅުދުއްފުށިން މިހާތަނަށް ވަނީ 295 ބިދޭސީއަކު ފައިލޭރިއާއަށް ސްކްރީނިން ކޮށްފައި ކަމަށާއި އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 19 ބިދޭސީން ކަމަށެވެ. ފައިލޭރިއާއަށް ޓެސްޓުކުރުމަށް ބޭނުންވާ ކިޓުތައް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)އާ ގުޅިގެން އިތުރު ކިޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ފައިލޭރިއާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށްވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށީގައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލުމާއި އެފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ބޮޑެތި ފެންގަނޑުތަކުގައި މަދިރި އާލާވޭތޯ ބަލައި ނައްތާލުމުގެ މަސައްކަތުގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް މަދިރިއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން ވަނީ ފައިލޭރިއާއާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމައިފައެވެ. އެ ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށި ހޮސްޕިޓަލުގެ ޓާސްކް ފޯސްއަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ބައްޔާ ބެހޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ އިތުރުން، މާލޭ ސަރަހައްދުގެ އަދި އަތޮޅު ހޮސްޕިޓަލުތަކުގައި ސިއްހީ ހިދުމަތްތެރިންނަށް މައުލޫމާތު ދިނުމާއި، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއްގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އޭގެ އިތުރުން ފައިލޭރިއާއާ ދެކޮޅަށް ކުރިއަށް ރޭވިފައިވާ ކަންކަމުގެ ތެރޭގައި، ކުޅުދުއްފުށީގެ ރޭންޑަމްކޮށް ހޮވާލެވޭ ފަރާތްތައް ބައްޔަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް އެ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ބިދޭސީންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެ ފަރާތްތަކަށް އެނގޭ ފަދަ ބަހަކުން ޕޯސްޓަރު، ވީޑިއޯ އަދި ފޮޓޯ ތައްޔާރު ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި ފައިލޭރިއާއާ ގުޅުންހުރި ގައިޑްލައިނެއް ތައްޔާރުކޮށް، ސާވައިލެންސް އާއި ރިޕޯޓިން އިތުރަށް ހަރުދަނާ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު