ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލު ކުރުމުގެ ތަރުތީބުތަކެއް ކަނޑައަޅައި މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ މެދު ސަރުކާރުގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އިސްލާހަށް ވޯޓަށް އެހުމަށްވެސް މާދަމާގެ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށްފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްހުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން މިހާރަށްވުރެ މާބޮޑަށް ފަސޭހަ ވެގެންދާނެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މަޖިލީހުން އަދި ސިޔާސީ ޕާޓީތަކުން ވެސް ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށްގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެހެން އެއީ ވަކި ބަޔަކަށް ޖެއްސުން ކުރުމުގެ ގޮތުން ނުވަތަ ބަޔަކަށް އުނދަގޫ ކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތަށް ގަބޫލެއް ނުކުރަން. އެބޭފުޅުން ވެސް ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކުގެ ދަށުން ކުރިއަށްގެންދަވާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަނީ. އެހެންވީމާ އޭގައި މާބޮޑު ކަންބޮޑުވުމެއް އޮތް ކަމަކަށް ފާހަގައެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލިސް ގަވާއިދަށް އިސްލާހެއް ގެންނަން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މި ދައުރުގައި މެމްބަރުންގެ އަދަދަކީ 87 އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން މި ސަރުކާރުގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވަން ނިންމެވުން، އެ މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ މަޖިލީހުގެ މިހާރު ތިބި މެމްބަރުންގެ އަދަދަކީ 80 އެވެ.

އެމްޑީޕީ ޕީޖީ މެމްބަރެއް ކަމަށްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، މަޖިލީހުގެ އާންމު ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވި އިސްލާހެއްގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ މި ދައުރުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާ އިރު، މަޖިލީހުގެ ޖުމުލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ޝިފާއު، އޭނާގެ އިސްލާހުގައި އެދިވަޑައިގަތީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 80 ކަމަށް ގަވާއިދުގައި ކަނޑައަޅައި ދިނުމަށެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހު އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މިހާރު މަޖިލީހުގައި ތިބި އެމްޑީޕީ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް، އަޒުލު ކުރެވޭނެއެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 80 ކަމަށް ކަނޑައަޅައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް، މަގާމުން އަޒުލުކުރަން ބޭނުންވަނީ 54 މެމްބަރުންގެ ވޯޓެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގައި 56 މެމްބަރުން ތިއްބަވައެވެ.

އާންމު ކޮމިޓީން އެ ހުށަހެޅުންތައް މަޖިލީހުގެ ތަޅުމަށް ފޮނުވައި ފާސްކުރަން ޖެހޭނެއެވެ. މަޖިލީހުގެ ތަޅުމުން، އެ އިސްލާހުތައް ފާސްނުކުރާހާ ހިނދަކު އެއަކަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް، މަގާމުން އަޒުލު ކުރުމާ ގުޅޭ މާއްދާތަކަށް އިސްލާހު ގެންނަން ހުށަހަޅުއްވައިފައެވެ.

އާޒިމް ހުށަހެޅުއްވި އިސްލާހުތަކުގައި ބަޔާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް އަޒުލު ކުރުމާ ގުޅޭ ގަރާރާ މެދު އަމަލު ކުރާނެ ގޮތާ ގުޅޭ އުސޫލުތައް ބަޔާން ކުރާ 202 ވަނަ މާއްދާގެ ބައެއް އަކުުރުތައް އުނިކުރުމަށާއި އެފަދަ ގަރާރެއްގެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން އޮންނަ 203 ވަނަ މާއްދާގެ ބައެއް އަކުރުތައް އިސްލާހު ކުރުމަށެވެ.

އެގޮތުން، މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް، މަގާމުން ވަކިކުރުމުގެ ގަރާރެއް ލިބިއްޖެނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭ ގޮތަށް އާޒިމް ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ. އެގޮތަށް ބާއްވާ ޖަލްސާއެއްގެ ދިގުމިނަކީ މިހާރު އޮންނަ ގޮތުން ދެ ގަޑިއިރެވެ. އާޒިމް ވަނީ އެ ދެ ގަޑިއިރު، ތިން ގަޑިއިރަށް ބަދަލުކުރަން ވެސް އިސްލާހު ހުށަހަޅުއްވައިފައެވެ.

އަދި ވަނީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް، މަގާމުން ވަކިކުރުމާ ގުޅޭ ގަރާރެއް މަޖިލީހަށް ލިބިއްޖެނަމަ، ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ގެންދެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވައިފައެވެ. އަދި ކޮމިޓީގައި އެ މައްސަލަ ކުރިއަށްދާ އިރު، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވޭ ގޮތަށް އާޒިމް ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރައްވަން ހުށަހަޅާ ގަރާރު މަޖިލީހުގައި ކުރިއަށް ގެންދަން ފާސްވުމުން، އެކުލަވާލަން ޖެހޭ ކޮމިޓީގެ މެންބަރުންގެ އަދަދު އާ އިސްލާހުގައި ވަނީ ހަތް މެންބަރުންނަށް މަދުކޮށްފައެވެ. އަދި ކޮމިޓީގައި ހުރިހާ ޕާޓީއެއް ހިމެނުމަށް ލާޒިމެއް ނުވާނެއެވެ. ގަވައިދުގައި މިހާރު އޮތް ގޮތުން ކޮމިޓީގައި ތިބޭ 11 މެންބަރުން ވާން ޖެހޭނީ މަޖިލީހުގައި ތިއްބަވާ ހުރިހާ ޕާޓީތައް ނިސްބަތްވާ ގޮތަށް ކަނޑައަޅާ މެންބަރުންނަށެވެ.