މިއަދު ބޭއްވި ކައުންސިލްތަކުގެ ތިން ބައި-އިލެކްޝަންގެ ތެރެއިން ނ. މާފަރާއި ހއ. ކެލާ ކައުންސިލުގެ ގޮނޑި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަތަރު ބައި އިލެކްޝަނެއް ބޭއްވިއެވެ. އެއީ ހއ. ކެލާ ކައުންސިލްގެ އަންހެން މެމްބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިހާބުކުރުމުގެ ބައި-އިލެކްޝަނާއި އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނެވެ.
ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ މައުރިފާއެވެ. އޭނާއަށް 402 ވޯޓު ލިބުނުއިރު، އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ސުދާއަށް ލިބުނީ 367 ވޯޓެވެ.
ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރު 239 ވޯޓުން ކާމިޔާބުކުރި އިރު އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުސްލިމް މުހައްމަދަށް ލިބުނީ 90 ވޯޓެވެ.
އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި މުހައްމަދު ޔާސިރެވެ. އޭނާއަށް 212 ވޯޓް ލިބުނުއިރު، އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ވަހީދަށް ލިބުނީ 169 ވޯޓެވެ.
ނ. މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. އޭނާއަށް 217 ވޯޓް ލިބުނުއިރު، އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަސްރާރު ހަސަނަށް ލިބުނީ 113 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު