އިސްރާއީލު ސިފައިން ބަޑިޖަހައި މަރާލި އެގައުމުގެ ރަހީނުން ތިބީ ހުދު ދިދަ ހިފައިގެން ކަމަށް ތަހުގީގުން އެނގިއްޖެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެގައުމަށް ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައިވާ އިރު، އިސްރާއީލުން މިވަނީ ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ތިން މީހަކަށް ހަމަލާދީ މަރާލައިފައެވެ.
އެ ހާދިސާ އަކީ އޮޅިގެން ހިނގި ހާދިސާއެއްކަމަށް އިސްރާއީލުގެ ސިފައިން ބުނާ އިރު، އެކަން ތަހުގީގު ކުރުމަށްފަހު އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ވަނީ މައުލޫމާތު އާންމުކޮށްފައެވެ.
އައިޑީއެފުން ބުނީ، އެ ތިން މީހުންނަކީ ހަމާސް އިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ތިން މީހުން ކަމަށާއި އެމީހުން އަމިއްލައަށް ހަމާސްގެ ހަނގުރާމަވެރިންގެ ކިބައިން ފިލައިގެން އުޅެނިކޮށް އެމީހުންނަށް އިސްރާއީލުގެ ސިފައިން ތިބި އިމާރާތަކަށް ދެވުނު ކަމަށެވެ.
އެ ތިން މީހުން އިސްރާއީލުގެ ސިފައިންނަށް ފެނުމާއެކު ވަގުތުން ބަޑިޖަހައި އެ ތިން މީހުން މަރާލި ކަމަށް އައިޑީއެފުން ބުނެއެވެ.
ތަހުގީގުން ވަނީ އެ ތިން މީހުން ތިބީ ހުދު ދިދަ ހިފައިގެން ކަމަށާއި އެމީހުން ސަލާމަތް ހޯދުމަށް އެދުނު ތަނުން ހަމަލާ ދިނީ ކަމަށް ހާމަވެފައެވެ. އިސްރާއީލުގެ ސިފައިންގެ މީހާ ބަޑިޖަހަމުން ވަނީ އެއީ ޓެރަރިސްޓުން ކަމަށް ގޮވާފައި ކަމަށްވެސް ތަހުގީގުން އެނގިފައެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ސަޕްރައިޒް ހަމަލާއަށް ފަހު، ގިނަ އަދަދެއްގެ މީހުން ވަނީ ހަމާސްގެ ބެލުމުގެ ދަށަށް ރަހީނުންގެ ގޮތުގައި ގެންގޮސްފައެވެ.
ހަމާސްގެ ހަމަލާއަށްފަހު އިސްރާއީލުން ވަނީ ގާޒާއަށް ހުއްޓުމެއް ނެތި ގިނަ ހަމަލާތަކެއްދީ، އިންސާނީ ވަސީލަތްތަކުން މުޅި ގާޒާ އެކަހެރިކޮށް އެތައް ހާސް އާންމުން ޝަހީދުކޮށްލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ