މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާންކޮށް، ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކޮށްފިއެވެ.

އެކަމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގަައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑި ކަމަށްވާ، ހެންވޭރު ދެކުނާއި މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރު ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް ވަނީ ތަރުތީބު ކޮށްފައެވެ.

  • ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ/ އަމިއްލަ ގޮތުން
  • ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަ ގޮތުން
  • ކެންޑިޑޭޓް ނަންބަރު 3: އާއިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
  • ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
  • ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް

އިލެކްޝަސް ކޮމިޝަނުން ނިންމާފައި ވަނީ، މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަންސްއާއި ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑީގެ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށެވެ.

މާލެ ސިޓީ މޭޔަރުގެ ގޮނޑި ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި، ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނު، މޭޔަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ މީގެ ކުރިން އެ މަގާމުތަކުގައި ތިއްބެވި މެންބަރުން، ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅީގެން އެ ބޭފުޅުން މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.