އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ އުސޫލު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެންސްޕާ އިން އެކުލަވާލި އުސޫލަކީ އާސަންދަ ސްކީމުގެ ދަށުން އިތުރު ހިދުމަތްތަކެއް ފޯރުކޮށްދިނުމާ ގުޅޭ އުސޫލެވެ. އެ ހިދުމަތްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި އާސަންދަ މެދުވެރިކޮށް ދޭން ހިމަނާފައިވާ ހިދުމަތްތަކެކެވެ. ދާދި ފަހުން ރައީސް މުއިއްޒުގެ ކެބިނެޓުން ވަނީ އެ ހިދުމަތްތައް ދިނުމަށް ނިންމައިފައެވެ.

އޭގެ ތެރޭގައި ހިމެނޭ އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުގައި ބުނެފައިވަނީ ވަކިވަކި އުމުރުފުރާތަކަށް ހާއްސަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް އެ އުމުރުފުރާގެ ކޮންމެ މީހަކަށް އަހަރު އެއްފަހަރު ބޭނުންކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ޑޮކްޓަރުގެ ލަފައާއެކު އަހަރެއްގެ ތެރޭގައި ދެ ފަހަރު ވެސް މެޑިކަލް ޗެކަޕް ހެދިދާނެ ކަމަށާއި މެޑިިކަލް ޗެކަޕް ފުރިހަމަކުރި ކަމަށް ބެލެވޭނީ ޕެކޭޖުގައި ހިމެނޭ ހުރިހާ ހިދުމަތްތައް ލިބިގަތުމުން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައިވާ ގޮތުން އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ހޮސްޕިޓަލުތަކުންނާއި ސިއްހީ މަރުކަޒުތަކުންނެވެ. ނަމަވެސް އުސޫލުގައި ބުނާ މެޑިކަލް ޗެކަޕް ޕެކޭޖުތައް އެންސްޕާ އިން އަދި އާންމުކޮށްފައެއް ނުވެއެވެ.

އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ އިތުރުން ޕީސީއޯއެސް އާއި އެންޑޮމެޓްރިއޯސިސް ފަރުވާ ދިނުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ. އެ އުސޫލު ވެސް އެންސްޕާ އިން މިހާރު ވަނީ އާންމުކޮށްފައެވެ.