ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީގެ ޓިކެޓުގައި މާވަށު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

މޫސަ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލ. މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށެވެ. އަދި އުއްމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރެއްވި މޫސަ އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގައެވެ. އޭނާ ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ކުރެއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.

އެ ފަހުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ގަމު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވިއެވެ. ނަަމަވެސް ފަހުން އެ ދާއިރާއަށް ވާދަނުކުރައްވަން ނިންމެވިއެވެ. ލ. ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި އެ ދާއިރާ މިހާރު ތަމުސީލު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމެވެ.