ބެއިޖިންގެ ސަބްވޭއެއްގައި ދެރޭލު މުޑި އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މޫސުން ގޯސްވެ ބޯކޮށް ސްނޯ ފައިބަމުން ދިޔަ ވަގުތެއްގައި ހިނގި އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެ 500 އަށްވުރެން ގިނަ މީހުންނަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދޭން ޖެހިފައެވެ.

އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ 500 މީހުންގެ ތެރެއިން 423 މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.

ބެއިޖިންގެ ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގެއް ފަށާފައެވެ. މިހާތަނަށް ބެލި ބެލުމުން އެ ހާދިސާ ހިނގަން މެދުވެރިވީ ރޭލު ޓްރެކްގައި ސިގްނަލް ދޭން ބޭނުންކުރާ ސިސްޓަމަށް މައްސަލަ ޖެހި އެވަގުތު ދަތުރުކުރި ރޭލެން ކުއްލިއަކަށް މަޑުކުރުމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ދެ ރޭލު މުޑި އެރުމާއެކު ޓާމިނަލުން ވަނީ ކަރަންޓު ކެނޑިފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ބެއިޖިން ސަބްވޭ އިން ވަނީ ހާދިސާގައި އަނިޔާވި ހުރިހާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ޒިންމާ ނަގާނެ ކަމަށް ބުނެފައެވެ.