އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ އިސްލާމީ ޝިއާރުތައް ނަގަހައްޓައި، މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުން ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއެއް ކަމަށާއި ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށެވެ.
"އެއީ ބިމުގައި ބާރުވެރިކަމާއި ނަސްރު ދެއްވުމުގެ ސަބަބެކެވެ. ކަން މިހެން ހުރި އިރު، އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި، ދީނީ ކަންކަމާ ބެހޭ އިލްމު އާންމުކުރުމާއި، އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާއި، މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުމެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މުޖުތަމައެއް ތަހުޒީބު ވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހައި ނޭއްގާނީ ކަންކަން މަނާކުރެވި، ހެޔޮ ކަންތަކަށް އަމުރު ކުރެވިގެން ކަމަށާއި އެބައެއްގެ އަގީދާ އާއި ސަގާފަތާއި ލެޔާއި މުދަލާއި އަބުރަށް އަމާންކަމެއް ނެތް މުޖުތަމައެއް އެއީ ތަހުޒީބު މުޖުތަމައެކޭ ނުބުނެވޭނެ ކަމަށެވެ. އަދި އެ މުޖުތަމައެއްގައި ހިނގާ މުންކަރާތްތައް މަނާ ނުކުރެވޭ ނަަމަ، އެބަޔަކު އެވަނީ އެބައެއްގެ އަމިއްލަ އަތްތަކުން ހަލާކުގެ ދޮރުތައް ހުޅުވާފައި ކަމަށް ހުތުބާގައި ބުންޏެވެ.
"މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެކެވެ. އެހެނީ މިފަދަ ކަންކަމާ މެދު އަޅާނުލައި ތިބެއްޖެ ނަމަ، މަންޒިލު މަގުސޫދަށް ވާސިލުވުމުގެ ކުރިން މުޖުތަމައު ހަލާކުވެ ނެތި ހިނގައިދާނެއެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުމުގެ މަސައްކަތަށް ބަޔަކު އަބަދުވެސް ނުކުމެ، އެކަމަށް ހުސްވެފައި ތިބުމަށް މާތްﷲ ވަނީ އަމުރުކުރައްވައިފައެވެ. އަދި އެމީހުންނަކީ ކާމިޔާބުގެ އަހުލުވެރިން ކަމުގައި މާތްﷲ ވަނީ އަންގަވައިފައެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ މި އިސްލާމީ ގައުމުގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނާއި، މީސްތަކުން އިސްލާމް ދީނާ ދުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، މި ޒަމާނުގެ މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގައުމުގެ އަހުލާގީ މިންގަނޑު ހަލާކުކުރުމަށް މަސައްކަތްކުރާ ފަރާތްތައް މާތްﷲ އަށް ބިރުވެތިވުމަށާއި، އެފަދަ ކަންކަން ހުއްޓާލައި އެކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު