ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތައް އާންމުކޮށްފައެވެ.

އެގޮތުން 10،000 މެމްބަރުން ހަމަވެފައިވަނީ، އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްޑީއޭއަށެވެ.

އެ ހުރިހާ ޕާޓީތަކަށް ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނާއެވެ. ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.

ޕީއެންސީއަކީ ޕީޕީއެމްއާއެކު ކޯލިޝަން ހަދައިފައިވާ ޕާޓީއެކެވެ. އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މީގެ ކުރިން މަސައްކަތް ކޮށްފައިނުވެއެވެ. ނަމަވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ވަނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށައިފައެވެ. ޕީއެންސީއަށް 10،000 މެމްބަރުން ހަމަކޮށްފައިވަނީ އެ މަސައްކަތުގެ ތެރެއިންނެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 3،159 އެވެ.