ބޯކޮށް ވާރޭ ވެހި، ގާޒާގައި ފެންބޮޑުވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަ ގޮތުން ގާޒާގެ ރަފާގައި ހުންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕު ސަރަހައްދަށް ރޭ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާއިރު ގިނަ މީހުން ތިބީ ވަންނާނެ ތަނެއް ނެތިފައެވެ.

އިޒްރޭލުން ގާޒާގެ އެކި ހިސާބުތަކުން ފައްސާލި ގިނަ މީހުން މިހާރު ތިބީ ރަފާ ސަރަހައްދުގައެވެ. އެގޮތުން ގާޒާގެ އާބާދީގެ 1.9 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މިހާރު ތިބީ އެ ސަރަހައްދުގައި ކަމަށް އދ. އާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

އެ ސަރަހައްދުގައި ގިނަ ބަޔަކު ތިބީ ޓެންޓު ޖަހައިގެންނެވެ. ނަމަވެސް ފެން ބޮޑުވުމުގެ ސަބަބުން ޓެންޓުތަކަށްވެސް ފެން ވަދެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އދ. އިން މީޑިއާތަކަށް ބުނީ ގާޒާގެ ރައްޔިތުން އުޅެމުން ދަނީ ދިރިއުޅެން ނުރައްކާ ހާލަތެއްގައި ކަމަށެވެ. އިޒްރޭލުން ދޭ ހަމަލާތަކުގެ އިތުރުން، ކާބޯތަކެއްޗަށް ދަތިވެފައިވާއިރު ސިއްހީ ކަންކަމަށްވެސް ވަނީ ދަތިވެފައެވެ. ބަލިތައްވެސް ހަލުވިކަމާއެކު ފެތުރެމުންދާއިރު ފެންބޮޑުވުމުގެ ސަބަބުން އެ ކުރިހާ ކަމެއް އިތުރަށް ގޯސްވާނެ ކަމަށް ބުންޏެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 18،600 އަށްވުރެ ގިނަ މީހުނން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 70 ޕަސަންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ރިޕޯޓުތައް ބުނެއެވެ.