ގާޒާގައި ހަމަލާ ބަދަލުކުރުން ހަފުތާއެއްހައި ދުވަހަށް ހުއްޓާލައިގެން ތިބުމަށްފަހު އިޒްރޭލުން މިހާރު ވަނީ އަނެއްކާވެސް އިހުނަށްވުރެ ވަރުގަދަކޮށް ހަމަލަތައް ފަށައިފައެވެ. މިފަހަރުގެ އުދުވާނާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އިންޒާރު ދީފައިވެއެވެ. ފުރާނަ ސަލާމަތްކުރަން ބޭނުމިއްޔާ ގާޒާގެ ދެކުނުގެ ސަރަހައްދުތައް ދޫކޮށް ފައިބައިގެންދާށެވެ. މިގޮތަށް އިންޒާރުދިނުމާއެކު ގާޒާގެ ދެކުނުން މިސްރާއި ގާތުގައިވާ ސަރަހައްދުތަކަށް ހަމަލަދިނުން އިޒްރޭލް ސިފައިން ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. ހުއްޓުމެއްނެތި ބޮމުގެ ވާރޭ ވެއްސަނީއެވެ. ބޮޑުބަޑިންނާއި ރޮކެޓުންވެސް ހަމަލަދެނީއެވެ. މިހިސާބުން އުފެދެނީ ވަރަށްބޮޑު ސުވާލެކެވެ. ގާޒާގެ ރައްޔިތުން ފައިބައިގެންދާންވީ ކޮންތާކަށްތޯއެވެ. ރައްކާތެރިކަން އޮތީ ކޮންތާކުތޯއެވެ. ގާޒާގެ އުތުރުގައި އެ ރައްކާތެރިކަމެއް ނެތެވެ. ކުރިން އަންގާފައިއޮތީ އުތުރުގެ ސަރަހައްދުތައް ދޫކޮށް ދެކުނަށް ދިއުމަށެވެ. މިހާރު އަންގަނީ ދެކުނުންވެސް ފޭބުމަށެވެ.
އިޒްރޭލުގެ އެންމެފަހުގެ އިންޒާރާ ގުޅިގެން ގާޒާގެ ރައްޔިތުން ރައްކާތެރިކަން ހޯދަން ދާނެ އެހެން ތަނެއް ނެތެވެ. ހުސްވި އޮކްޓޫބަރު ތޭވީހުގައި ގާޒާގެ އުތުރުގެ ސަރަހައްދުތައް ދޫކޮށް ފައިބާށޭ އަންގައިގެން މިލިޔަނަކަށްވުރެ ގިނަ މީހުން ގާޒާގެ ދެކުނަށް ހިޖުރަކޮށްފިއެވެ. ސޯޅަހާހަށްވުރެ ގިނަ މީހުން ފަނާވެއްޖެއެވެ. ގާޒާ ސިޓީވެސް ހިމެނޭގޮތުން އުތުރުގެ ހުރިހާ އަވަށްތަކެއް ގާފުނިތަކަށް ބަދަލުވެއްޖެއެވެ. ގެދޮރުދޫކޮށް ދެކުނަށް ބަދަލުވި މީހުންގެ ތެރެއިން މިލިޔަނެއްހައި މީހުން ތިބީ ޚާން ޔޫނުސާއި ރަފާގައިވާ ރެފިއުޖީ ކޭމްޕުތަކުގައެވެ. އެއީ އދ.ގެ ބެލުމުގެ ދަށުގައިވާ ތަންތަނެވެ. އެނޫން ތަންތަނާއި މަދަރުސާތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކުގައިވެސް ތިންލައްކައެއްހައި މީހުން އެބަތިއްބެވެ. އދ. ގެ ބެލުމުގެ ދަށުގައިވާ ކޭމްޕުތައް ވަނީ ފުރިބާރުވެފައެވެ. އެތަންތާގައި އެކަށީގެންވާ ވަރަށް ވަސީލަތްތަކެއްވެސް ނެތެވެ. ބަލިމަޑުކަން އާއްމުވެ އެތައްހާސް ބަޔަކު މަރުވުމުގެ ބިރު ނުހަނު ބޮޑެވެ.
ޚާން ޔޫނުސަކީ ގާޒާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ދެކުނުފަޅީގައި އޮންނަ އެންމެ ބޮޑު އާބާދީއަކީ އެއީއެވެ. ހަނގުރާމަ އަލުން ފެށުމާއެކު ޚާން ޔޫނުސަކީ ހަނގުރާމައިގެ މައިދާނެއްކަމަށް އިޒްރޭލުން ވަނީ ނިންމައިފައެވެ. މިތަނުގެ އާބާދީއަކީ އޮކްޓޫބަރު ހަތެއްގެ ކުރިން ގާތްގަޑަކަށް ބައި މިލިއަނެވެ. އިޒްރޭލުން ކޮންމެ ދުވަހަކުވެސް ގެންދަނީ އިތުރު ސަރަހައްދުތައް ހަނގުރާމައިގެ މައިދާންކަމަށް ނިންމައި އެތަންތަން ހުސްކުރުމަށް އަންގަމުންނެވެ. ކޮންމެ ދުވަހަކު މި ޗާޓުތައް ދަނީ ބަދަލުވަމުންނެވެ. މިއަދު ހުސްކުރަން އަންގާ ތަންތަން މާދަމާ އަލުން މީހުން އައުމަށް ހުއްދަކޮށްފާނެއެވެ. މިގޮތަށް ތަފާތު ޗާޓުތައް ނެރެ ހާމަކުރަމުން ގެންދަނީ އޮންލައިނުގައެވެ. ފަލަސްތީނުގެ ގިނަބަޔަކަށް އިންޓަރނެޓުގެ ޚިދުމަތެއް ނުލިބެއެވެ. އެހެންވީމާ މިއަދު ރައްކާތެރިކަން އޮތީ ކޮން ސަރަހައްދެއްގައިކަން އަދި ނެތީ ކޮން ސަރަހައްދެއްގައިކަން އެނގޭނެ ގޮތެއްވެސް ނެތެވެ.
އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ އުދުވާނާމެދު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އަމާޒަށް ވާސިލް ވެވެންދެން މިފަހަރު ހަނގުރާމަ ކުރިއަށް ގެންދާނެ ކަމުގައެވެ. ދުނިޔޭގެ ގައުމުތަކުން ކޮންމެ އެންގުމެއް އެންގިޔަސް ތަބާވުމެއް މައިތިރިވުމެއް ނެތްކަމުގައެވެ. ނަތަންޔާހޫ އެބުނާ އަމާޒަކީ ހަމާސް މުޅިން ނައްތައިލުމެވެ. ވުޖޫދުން ފޮހެލުމެވެ. އެހެންވީމާ ގަބޫލުކުރެވެނީ މި އުދުވާނަށް ހުއްޓުމެއް ނެތްކަމެވެ. ހަމަލާތައް ހުއްޓާލައި ސުލްހަޔަށް ޖާގަ ދިނުމަށް މުޅި ދުނިޔެއިން އިލްތިމާސްކުރާއިރު މިއިން އަޑެއް އިޒްރޭލަކަށް ނީވެއެވެ. އަޑު އަހަން ބޭނުމެއްވެސް ނުވެއެވެ. މިހާ ފާޅުކަންބޮޑު ގޮތެއްގައި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތައް މުގުރައި ދުނިޔެއަށް ގޮންޖަހަމުންދާއިރުވެސް އެމެރިކާ އާއި ޔޫރަޕުން އިޒްރޭލަށް ފައިސާޔާއި ހަތިޔާރު އޮއްސަނީއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާން އެންމެ ގާތުގައިތިބީ އަރަބީންނެވެ. އަނގައިން ބުނެލާ އެއްޗެއް ފިޔަވައި އަމަލީގޮތުން އެއިން ގައުމަކުން ކުރާ އެއްކަމެއްވެސް ނެތެވެ.
ރައްކާތެރި ސަރަހައްދުތަކެއް އެކަށައަޅައި އެތަންތަނަށް ދިއުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އަންގަނީ އާއްމުންގެ ފުރާނަ ސަލާމަތްކުރުމަށޭ އިޒްރޭލުން ބުންޏަސް އިޒްރޭލުގެ އަމަލުތަކުން ފެންނަނީ އަދި އެހެން އެއްޗެކެވެ. އެބުނާ ރައްކާތެރި ސަރަހައްދުތަކަށްވެސް ބޮންއަޅައެވެ. ރެފިއުޖީން ތިބޭ ތަންތަނަށް ބޮންއެޅުމުގެ ސަބަބުންވެސް އެތައްހާސް ބަޔަކު ޝަހީދުވެފައިވެއެވެ. ގާޒާގައި އޮކްޓޫބަރު ހަތަކުން ފެށިގެން މިހާތަނަށް ސޯޅަހާހަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެތެރެއިން 80 އިންސައްތައަކީ އާއްމު ރައްޔިތުންނެވެ. އާއްމުންގެ ތެރެއިންވެސް އެންމެ ގިނައިން ފަނާވެފައިވަނީ ކުޑަކުދިންނެވެ. އެހެންވީމާ މުޅި ގާޒާގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތްކަމާއި އިޒްރޭލުގެ ބޭނުމަކީ ގާޒާގެ އެއްތަނުން އަނެއްތަނަށް ފަލަސްތީނުގެ ރައްޔިތުން ބަދަލުކޮށް ބިރުދައްކައި އެންމެން ފަނާކޮށް މުޅި ގާޒާ ހުސްކުރުންކަން ވަރަށް ސާފެވެ.
މިދެންނެވި ބީދައިން ގާޒާގެ ރައްޔިތުންނަށް ވޭނާއި ތުރާތައް ކުރިމަތި ކުރެވިފައިވާއިރު އދ. އިން ބުނަނީ ގާޒާއަކީ މިހާރު ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ ދަންތުރައެއް ކަމުގައެވެ. ގެދޮރުގައި ދެމިތިއްބަސް މަރެވެ. ގެދޮރުން ނުކުތަސް މަރެވެ. އެވެސް މަރެވެ. މިވެސް މަރެވެ. ހެޔޮ އެއްގޮތެއްވެސް ނެތެވެ. ގާޒާގައި ހަރަކާތްތެރިވާ ނޫސްވެރިންވެސް ބުނަނީ މިހެންނެވެ. ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާން އެއްވެސް ސަރަހައްދެއް ނެތެވެ. ހަނަފަސް ސަހަރާގެ ތެރެއަށް ނުކުތަސް ހަމަލަދެނީއެވެ. ބޯމަތީގައި ހިޔަލެއް ނެތަސް ބޮން އަޅަނީއެވެ. ގާޒާއަކީ މާބޮޑު ސަރަހައްދެއްވެސް ނޫނެވެ. މުޅި ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަޑަކަށް 141 އަކަމޭލެވެ. ގާޒާގައި އެންމެ ގިނަބަޔަކު މިހާތަނަށް ދިރިއުޅެމުންއައީ އެތާގެ އުތުރުގައެވެ. ގާޒާ ސިޓީވެސް ހިމެނޭގޮތުންނެވެ. ކުރިންވެސް ދެންނެވިފަދައިން ގިނަބަޔަކު މިހާރު ވަނީ އިޒްރޭލުގެ އިންޒާރުތަކާހެދި އުތުރުގެ ސަރަހައްދު ދޫކޮށް ދެކުނަށް ހިޖުރަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ