ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކިންގް ކެޕިޓަލް ހޯލްޑިންގްސްގެ އެކައުންޓުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދާން ނިންމައިފިއެވެ.

ކިންގްސްއިން 29 މާޗު 2022 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ގާނޫނީ ގޮތުން ހަރުދަނާ ސަބަބެއް ނެތި އަދި ކޯޓު އަމުރެއްވެސް ނެތި ކިންގްސްގެ އެކައުންޓް ޑީއެކްޓިވޭޓްކޮށް، އެ އެކައުންޓުގައި ހުރި ފައިސާ ބީއެމްއެލުން ހިފަހައްޓާފައިވަނީ ގާނޫނަށް ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ. އަދި އެކައުންޓް ހިފެހެއްޓުމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ގެއްލުންވެފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

އެ ދައުވާއަށް އިންކާރުކޮށް ބީއެމްއެލުން ބުނީ، ކިންގްސްގެ އެކައުންޓް ހިފަހައްޓާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ، ބީއެމްއެލުން ކިންގްސްގެ އެކައުންޓް ޑީއެކްޓިވޭޓް ކުރީ، ކިންގްސްގެ އެކައުންޓަށް ތަފާތު އެކިފަހަރު މަތިން ފައިސާ ޖަމާވަމުންދާ ސަބަބު ތަފުސީލުކޮށް ދިނުމަށް އެންގުމަށްފަހު، އެ އެންގިތާ އެއް ދުވަސް ފަހުން ކަމަށެވެ.

ކިންގްސް އެކައުންޓަށް ޖަމާވަމުންދިޔަ ފައިސާއަކީ މަނީ ލޯންޑަރިންގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ އިރު، އެފަދަ މައްސަލައެއްގައި ބޭންކް އެކައުންޓް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

ބޭންކާއި ކަސްޓަމަރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބޭންކަށް ލިބިގެންވަނީ ޝައްކު ކުރެވޭ ފައިސާ ބަލައިނުގަތުން ކަމަށާއި ނަމަވެސް އެކްޓިވޭޓެޑް އެކައުންޓެއްގައި ހުރި ފައިސާ ކޯޓު އަމުރެއްގެ ދަށުން މެނުވީ ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެންނުވާ ކަމަށްވެސް ސިވިލް ކޯޓުން ބުންޏެވެ.

ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، ހިލާފުވި ފަރާތަކުން ބަދަލުދޭން ޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށާއި ބީއެމްއެލުން ކިންގްސްގެ އެކައުންޓް އެއްބަސްވުމާ ހިލާފަށް އަދި ގާނޫނާ ހިލާފަށް ހިފަހައްޓާފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކިންގްސްއަށް ލިބިގެންވާ ކަމަށްވެސް ސިވިލް ކޯޓުން ކުރި ހުކުމުގައިވެއެވެ.

އަލްހާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ވިޔަފާރި ހުއްޓުނީ، ބީއެމްއެލުން އެ ކުންފުނީގެ އެކައުންޓުތައް ގާނޫނާ ހިލާފަށް ހިފެހެއްޓުމުން ކަމަށާއި އެކަމުގެ ބަދަލު ބީއެމްއެލުން ދޭން ޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

"ގެއްލުމުގެ ބަދަލު 200 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެތީ، އެ ބަދަލު ހޯދުމުގެ ދައުވާ ބޭންކުގެ މައްޗަށް ހުށަހަޅަން ކުންފުނީގެ ބޯޑުން ނިންމައިފިން،" އަލްހާން ވިދާޅުވިއެވެ.

ކިންގްސް ކުންފުނިން ހިންގި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ކިންގްސް އިން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަލްހާންއާ ސުވާލުކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ ފޯނުވެސް ވަނީ ހިފަހައްޓައިފައެވެ.

ފުލުހުން ވަނީ ޕޮންޒީ ސްކީމުގެ މައްސަލައިގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ވެސް ދައުވާކޮށްފައެވެ. އޭގެން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކޮށްފައިވެއެވެ.

އެ ދައުވާތައް އެ މީހުންގެ މައްޗަށް ކޮށްފައިވަނީ، އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖުތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ ފައިސާ ޓަކައިގެންފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ދައުވާކޮށްފައިމިވަނީ އޭގެ ތެރެއިން 13 މީހުންގެ ބައިގައި ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އެ މައްސަލައިގައި އިތުރު ދައުވާތައް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.