ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ގާނޫނީ ވަކީލުން ތަމްސީލުކުރާ މެންބަރަކަށް އަލީ އަބްދުއްލަތީފު އިންތިހާބުކޮށްފިއެވެ.
ބާ ކައުންސިލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލުކުރާނެ ވަކީލަކު ހޮވުމަށް ބާއްވާ އިންތިހާބު "ފަހި ވޯޓު" މެދުވެރިކޮށް މިއަދު ބާ ކައުންސިލުން ބާއްވާފައިވާ ކަމަށެވެ.
އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމެވެ، ވާދަކޮށްފައިވަނީ އެންމެ ކެންޑިޑޭޓެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.
"އަދި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ 659 ގާނޫނީ ވަކީލުންގެ ތެރެއިން 443 ފަރާތަކުން މި އިންތިހާބުގައި ވޯޓު ލާފައިވާ އިރު، ވޯޓުގެ އަޣުލަބިއްޔަތުން، ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުވެފައިވަނީ ގއ. ވިލިނގިލި، ބީޗްހައުސް، އަލީ އަބްދުއްލަތީފު،" ބާ ކައުންސިލުން ބުންޏެވެ.
އެ އިންތިހާބަކީ ޖޭއެސްސީގެ ގާނޫނުގެ ދަށުން، އެ ކޮމިޝަނަށް އައްޔަންކުރާ މީހެއްގެ މަގާމު ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އަލުން އެ މަގާމަށް މީހަކު އައްޔަންކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ ބޭއްވި އިންތިހާބެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.
މީގެ ކުރިން ޖޭއެސްސީގައި ގާނޫނީ ވަކީލުން ތަމްސީލުކުރެއްވީ އަބްދުލް މާނިއު ހުސައިނެވެ. އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް މިދިޔަ މަހުގެ 12ގައި ޖޭއެސްސީން އިސްތިއުފާދެއްވައިފައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް މާނިއު އައްޔަންކުރެއްވީ މިދިޔަ މަހުގެ 16 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު