ހުޅުމާލެ ރައްޔިތުންނަށް ސީދާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުއާ ސުވާލުކުރެވޭނެ ނިޒާމެއް އެ ކުންފުނިން ގާއިމުކޮށްފިއެވެ.

އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން، އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި "އާސްކް އެމްޑީ" މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި ޝަކުވާ މެނޭޖިން ޑިރެކްޓަރަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ.

"މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ހާއްސަ އީމެއިލް އެޑްރެސްއެއް މިހާރު ވަނީ ހަމަޖައްސާފަ. މިގޮތުން [email protected] އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމްޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމްޑީ ވަނީ އަރުވާފަ،" އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން މިހާރު ވެސް ދަނީ ރައްޔިތުންނާ ގުޅުންހުރި ވަރަށް ގިނަ މަސައްކަތް ކުރަމުން ކަމަށް އާބަންކޯ އިން ބުންޏެވެ. އެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، ހާމަކަން ބޮޑު ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މެނޭޖުމެންޓުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯ އިން ބުންޏެވެ.