ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެމްޕީއެލް އިން ހަދަން ނިންމީ 15 ބުރީގެ ތިން ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ. ޖުމުލަ 534 ފްލެޓެވެ.

އެ ފްލެޓްތަކުގެ ބިންގާ 29 މާޗް 2018ގައި އެޅި ނަމަވެސް ފަސް އަހަރުވެގެންދިޔަ އިރުވެސް އެ މަސައްކަތް އަދިވެސް ނިމިފައެއް ނުވެއެވެ. އެ މަސައްކަތް ނިންމަން އެކި ތާރީހުތައް ދެމުން އައި ނަމަވެސް، އަދިވެސް އެ ފްލެޓްތަކުގެ މަސައްކަތް ނުނިމެއެވެ. އެ ކުންފުނިން އެންމެ ފަހުން ދިން މުއްދަތަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދު ތެރެއެވެ. ނަމަވެސް އެ މުއްދަތަށްވެސް އެތަން ނިމިފައެއް ނުވެއެވެ.

މިއީ މުވައްޒަފުންގެ އިތުރުން އެމްޕީއެލްގެ އާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްގެ ވެސް ބޮޑު ކަންބޮޑުވުމެކެވެ. މަގާމާ ހަވާލުވެ އެންމެ ފުރަތަމަ ވަޑައިގެން ބެއްލެވި އެއް ތަނަކީވެސް އެ ފްލެޓްތަކެވެ. އެ ތަނުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ލަސްވާ ސަބަބު ސާފުކުރެއްވިއެވެ.

"ވަން"އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ސީއީއޯ ވަޖީހު ވިދާޅުވީ, ފްލެޓްތަކުގައި މިހާރު ކުރިއަށްދަނީ ކަރަންޓު ވައިރިން އާއި ފެނުގެ މަސައްކަތުގެ އިތުރުން ދޮރާއި ދޮރުފަތުގެ މަސައްކަތްތައް ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ ހިޔާ ފްލެޓްތައް ނިންމައި, އެތަނުން ފްލެޓް ދީފައިވާ 500 އާއިލާ އެ ތަންތަނަށް ވެއްދުން ކަމަށެވެ.

"އަޅުގަނޑުގެ ޓާގެޓަކީ މި ހުރިހާ ކަމެއް 45 ދުވަސް ތެރޭގައި ނިންމާފައި މުވައްޒަފުން އެތަނަށް ވެއްދުން. މިއަދުވެސް އެކަމާ ގުޅޭ ގޮތުން އެކަމާ ގުޅޭ ބޭފުޅުންނާ އަޅުގަނޑު ބައްދަލުކޮށްފައި ދަންނަވައިފިން 45 ދުވަހުގެ ތެރޭގައި މުވައްޒަފުންގެ މަދުވެގެން 50 އަށްވުރެ ގިނަ ޕަސެންޓް މީހުންނަށް ވަދެވޭ ގޮތަށް ކަންކަން ނިންމަވަންވާނޭ،" ވަޖީހު ވިދާޅުވިއެވެ.

އެމްޕީއެލް ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ މަސައްކަތްތައް ކުރިއަށްގެންގޮސް، ފްލެޓްތަކުގެ ތަޅުގަނޑިވެސް މުވައްޒަފުންނާ ވަނީ ހަވާލުކޮށްފައެވެ. އަދި ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތްތައްވެސް މުވައްޒަފުން ދަނީ ކުރަމުންނެވެ.