ބޭންކް އޮފް މޯލްޑިވްސްގެ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން އިތުރު 30 ވީލްޗެއާ ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހިނގާބިނގާވެ އުޅުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް ހިންގަމުންދާ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިތުރު 30 ވީލްޗެއާ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަމިއްލަ އަށް ވީލްޗެއާ އޮޕަރޭޓް ކުރެވޭނެ މީހުންނަށް މޮޓޮރައިޒް ވީލްޗެއާ ހަދިޔާކުރުމުގެ އިތުރުން، ހިނގާބިނގާވެ އުޅުމުގައި އެހެން މީހުންގެ އެހީ ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށް މިއަހަރު ބޭންކުން ވަނީ މެނުއަލް ވީލްޗެއާވެސް ހަދިޔާކޮށްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ގިނަ އާންމު ފަރުދުންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މުހިންމު ދައުރެއް އަދާކޮށްދޭ އަދި މުޖުތަމައުގެ ލާބަޔާއި މަންފާއަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ބޭންކުން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. މިގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް އަންނަނީ އެހީވަމުންނެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސޭބިލިޓީ (އެމްއޭޕީޑީ) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އަހަރީ ޕްރޮގްރާމްތައް ހިންގުމަށް ބޭންކުން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.