ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވެވަޑައިގެންފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އެއްބަސްވުން ހާމަ ކުރެއްވުމަށް ގޮވާލައި ރައްޔިތުންގެ މަޖީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަަ ހުށަހަަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ދުބާއިގައި އޮތް ކޮޕް ސަމިޓުގައި ވަޑައިގެންނެވުމަށްފަހު، ރާއްޖެ ވަޑައިގެން، ނޫސްވެރިންނަށް ދެއްވި މައުލޫމާތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމާ ބެހޭގޮތުން އިންޑިއާގެ ބޮޑުވަޒީރާ އެކު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ކުރެއްވި ކެމްޕެއިނުގައި އިންޑިއާގެ ހަތިޔާރު އެޅި އެތައްހާސް ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެ ކަމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބައިނަލް އަގުވާމީ މީޑިޔާގައި ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ބެއިތިއްބުމަށް ހަދާފައިވާ އެގްރީމެންޓްގައި ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނަ ކަންތައްތައް ހިމެނޭ ކަމަށާއި އެ އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވާހަކަ ދައްކަވާފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ. އަދި ވެރިކަމަށް ވަޑައިގެން އެ އެއްބަސްވުންތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑަިއގެން ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވީ އިރުވެސް އެ އެއްބަސްވުންތައް ހާމަ ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އިންޑިޔާ ސިފައިން ރާއްޖޭން ބޭލުމަށް އިންޑިޔާގެ ބޮޑުވާޒީރާ އެކު ހައްދަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެއްބަސް ވުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހާމަ ކުރުމަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ބެއިތިއްބުމަށް، ކުރީގެ ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ ކަމަށް ބުނާ އެގްރީމެންޓްގައި ހިމެނޭ ކަމަށް ބުނާ، ރާއްޖޭގެ މިނިވަންކަން ގެއްލި، އިސްތިގުލާލަށް ނުރައްކާވާ ކަންތައްތައް ފޮރުވުމެއްނެތި ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހާމަ ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.
މި ކުއްލި މައްސަލައަށް ބަހުސްކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 33 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު