އދ. ދިގުރަށުގައި ވިހެއުމަށްފަހު އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ކުނިގޮނޑުން ފެނުނީ އިއްޔެ ހެނދު 09:20 އެހާކަންހާއިރެވެ. ފުލުހުން ބުނި ގޮތުގައި، ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ.

އެ މައްސަލާގައި އެ ކުއްޖާގެ މަންމަ ރޭގެ ވަގުތެއްގައި ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ލަންކާގެ އަންހެން މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.