ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބު ކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން މިރޭ ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެވެ.

ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް، ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް އެމްޑީޕީގެ ދެ މެމްބަރެއްގެ ނަން ހުށަހެޅިއެވެ. އެއީ ސަލީމްގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ސަލީމްގެ ނަން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއުގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލް ހަކީމެވެ. ޖާބިރުގެ ނަން ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގެންނެވީ، 51 މެމްބަރުންގެ ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 މެމްބަރުންގެ ވޯޓެވެ. އެހެންވެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގެންފައިވާކަން އިއުލާނުކުރައްވައިފައެވެ.

ނައިބު ރައީސް އައްޔަންކުރަނީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓު ކުރިއަށް ގެންދަން ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގާފައިވެއެވެ.