ރާއްޖެއިން ތުރުކީވިލާތަށް ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު، ކޮޕް28 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ދުބައީއަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތުރުކީއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ވިޔަފާރީގެ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަޝްވަރާތަކުގެ ސަބަބުން ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ ބޮޑު ޓެރިޕުގެ ބަދަލުގައި ރާއްޖެއަށް ހާއްސަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަކުރުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ވަރަށް އުންމީދީ ބިންގާތަކެއް މި އެޅުނީ. ވިޔަފާރީގެ ގޮތުން ހާއްސަކޮށް. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ މިއަދާ ހަމައަށް މި ދެ ގައުމު ދޭތެރޭގައި އޮތް ވިޔަފާރީގެ ލެވެލަށް ވުރެ، ވޮލިއުމަށް ވުރެ، އެތައް ގުނައަކަށް ވިޔަފާރި، ޓްރޭޑް އިތުރުވެގެންދާތަން. އެކަމަށް އަޅުގަނޑުމެން ތެރޭގައި އެއްބަސްވެވުނު،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ގައުމުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް، ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީގެ ސަރުކާރުން މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު