އދ. ދިގުރަށުގައި ވިހެއުމަށްފަހު ކުއްޖާ މަރާލައި ކުނިގޮނޑަށް އެއްލައިލި މައްސަލައިގައި އެކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

ދިގުރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވައި މިއަދު ފެނުނު ކުއްޖާއަކީ އެ ރަށުގައި މަސައްކަތް ކުރާ ސްރީ ލަންކާގެ އަންހެނަކު ވިހާފައި އެއްލާލާފައި އޮތް ކުއްޖެކެވެ.

ފުލުހުން ދެންމެ ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ލަންކާ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މިއަދު މާލެ އައިސް، ލަންކާއަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކައުންސިލްގެ ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދު 09:20 އެހާކަންހާއިރެވެ. ފުލުހުން ބުނި ގޮތުގައި، ކުއްޖާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ.

އިތުބާރު ހުރި މަސްދަރަކުން 'ވަން'އަށް އެނގިފައިވާ ގޮތުގައި، ކުއްޖާ ވިހާފައި ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައެވެ. އަދި ކުއްޖާ ފެނުނީ ކުނިކޮތަޅުތައް ކަނޑައި ކުނިތައް ވަކިކުރުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި، ކުނިކޮށީގައި ހަރަކާތްތެރިވާ މުވައްޒަފުންނަށެވެ.